މިނިސްޓަރު ޒަރީރު ވިދާޅުވީ 2027 ވަނަ އަހަރުގެ ބަޖެޓުގެ އެއްމެހައި އަސާސްތައް ބިނާކޮށްފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރަށެވެ.

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ޖުމްލަ 59,7 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއީ ހިނގަމުންދާ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ އަޅުގަނޑު މިއަދު މި މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މި ދިވެހި ފަސްގަނޑުގައި ޢަދުލުވެރި، އިންސާފުވެރި އަދި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރުން އެކަށައަޅާފައިވާ މަގު ޗާޓެކެވެ.
"ހަމައެޔާއެކު 2027 ވަނަ އަހަރުގެ ބަޖެޓުގެ އެއްމެހައި އަސާސްތައް ބިނާކޮށްފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލުކުރެވޭނެ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިސާދީ ދުވެލި އަންނަ އަހަރު %3.9 އާއި %6.8 އާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެކަމަށް ލަފާކޮށްފައިވާއިރު ފަތުރުވެރިކަން ކުރިއެރުވުމަށް 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ހަރަކާތްތަކާއެކު އަންނަ އަހަރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ވަނީ އަމާޒު ހިފާފަ އެވެ.
އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެސް ޓެކުހެއް މަތި ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ބަދަލުގައި އަމާޒުހިފާފައިވަނީ ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، އީ-އިންވޮއިސިންގ ތަޢާރަފުކުރުމަށާއި ކަސްޓަމްސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށެވެ. މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން، ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާ އިން 1.5 މިލިއަން ރުފިޔާ އަށް ބޮޑުކުރުމަށް 1، ޖަނަވަރީ 2027 އިން ފެށިގެން އަމަލުކުރަން ވަނީ ނިންމާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް 2027 ވަނަ އަހަރުގެ ބަޖެޓުގައި 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަލަށް ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ދޫކުރާ ލޯނު ސްކީމުގެ އިކުއިޓީ އަށް 750 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. ހަމައެހެންމެ، ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދުމާއި މަރުކަޒީ ނިޒާމެއްގެ ދަށުން ބޭސް ހޯދޭނެ އިންތިޒާމު ގާއިމުކުރުން ހިމެނެ އެވެ.