ރައީސް ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކޮށްފައި ވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހާއްސަ ކުރާނީ މިހާރު ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ، މިހާރު ފެށާފައިވާ މަޝްރޫއުތަކުގެ ތެރެއިން މަދުވެގެން 70 ޕަސެންޓް މަޝްރޫއޔ އެއްކޮށް ނިންމައި ހަވާލުކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކޮށްފައި ވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށެވެ.
މި ސަރުކާރު ހަވާލުވިއިރު ގައުމުގެ އިގްތިސޯދު އޮތީ ޑިފޯލްޓްވުން، ނުވަތަ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، ފުރަތަމަ އިސްކަން ދެއްވީ އެކަމުން ގައުމު ސަލާމަތްކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން، މިއަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އާ ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދެވޭ ކަމެއް ކަމަށެވެ. އެގޮތުން، ރަސްމާލެ މަޝްރޫއަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.