މަހުދީގެ އާދަޔާ ހިލާފު ހިތްވަރު ގަދަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން އިޓަލީން އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އޭނާގެ ހަނދާނުގައި އެރުވުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ކަނޑު އަޑީގެ ހޮހޮޅައެއްގައި ތާށިވި އިޓަލީގެ ޑައިވަރުންތަކެއް ސަލާމަތް ކުރުމުގެ ތެރޭގައި ނިޔާވި މަރުވި ސިފައިންގެ ސާޖެންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ހަނދާނުގައި އިޓަލީގެ އެންމެ މަތީ ޝަރަފު އެރުވުމަށް އެ ގައުމުން ނިންމައިފި އެވެ.
ސްރީ ލަންކާގެ ކޮލޮމްބޯގައި ހުންނަ އިޓަލީގެ އެމްބަސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މަހުދީގެ އާދަޔާ ހިލާފު ހިތްވަރު ގަދަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން އިޓަލީން އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ
"ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އޭނާގެ ހަނދާނުގައި އެރުވުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ އެމްބަސީ އާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން މަހުދީގެ އާއިލާ އަށް އެހީތެރިވުމަށް ފަންޑްރައިޒާ ހަރަކާތެއް ފަށަން ނިންމާފައިވާ ކަމަށާއި އެ ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ކުރެވިފައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެއްވޭނެ ކަމަށް އެމްބަސީން ބުންޏެވެ.
އެ ފަންޑުން ލިބޭ ހުރިހާ ފައިސާއެއް ހަވާލު ކުރާނީ މަހުދީގެ ޝަރުއީ ވާރިސުންނަށް ކަމަށް ވެސް އިޓަލީގެ އެމްބަސީން ބުންޏެވެ.
މަހުދީ އަށް އިޓަލީގެ އެންމެ މަތީ ޝަރަފު އެރުވި އިރު އޭނާގެ މަރާ ގުޅޭ ތަހުގީގުތައް ރާއްޖޭގައި އަދިވެސް ކުރިޔަށް އެބަދެ އެވެ. އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ކަމާ ބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.