ރާއްޖެއިން އަބަދުވެސް އިސް ކުރާނީ ދިވެހިންނަށް ފައިދާވާނެ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި

ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާތަނަށް އޮތީ ވަކި ގައުމެއްގެ ޕަޕެޓެއް ގޮތުގައި ކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރު އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ގެންގުޅުނު ހާރިޖީ ސިޔާސަތަށް ތައުރީފް ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ އޭރު ރާއްޖެއިން މަސައްކަތް ކުރީ ވަކި އަތަކަށް ނުޖެހި ދިވެހިންނަށް ފައިދާވާނެ ގޮތްތައް ހޯދުމަށް ކަމަށާއި މި ސަރުކާރުން ވެސް ގެންގުޅެނީ ދިވެހިން އިސް ކުރާ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތެއް ކަމަށެވެ.
ނަމަވެސް އޭގެ ފަހުން އައި ސަރުކާރުތަކުން ހާރިޖީ ސިޔާސަތު ބައްޓަން ކުރި ގޮތުން ރާއްޖެ އަށް ނުރައްކާވި ކަމަށާއި ވަކި އަތަކަށް ބުރަވެ ވަކި ގައުމުތަކެއްގެ ކޮންޓްރޯލް ރާއްޖެ އަށް އޮންނަ ގޮތަށް ހާރިޖީ ކަންކަން ބައްޓަން ކުރަމުން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް އަސަރު ކުރާ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ވަކި ގައުމެއްގެ ޕަޕެޓަކަށް ވާ ގޮތަށް އޮތް އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫން، އެ ސިޔާސަތު މަޑުމަޑުން މިދިޔަ ތިން އަހަރުގެ ތެރޭގައި މި ދިޔައީ ހަމަ ފަސްލާ ވަޅުލައި ނިންމައިފައި. އިރާދަ ކުރެއްވިއްޔާ މި ގައުމުގައި ދެން އެކަން އިއާދަ ކުރުމަކީ ރައްޔިތުން ފުރުސަތު ދޭނެ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމަށް ނުސީދާކޮށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެހެން ދެ ގައުމެއްގެ ތެރޭގައި އޮތް މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ވަނުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ބަދުނާޟެއް ބަޔަކު އަޅުވަން އުޅުނަސް އެއީ ވާނެ ކަމެއް ނޫން ކަމަށާއި ރާއްޖެއިން އަބަދުވެސް ބަލާނީ ރާއްޖެ އަށް ފައިދާ ވާނީ ކޮން ގޮތެއްތޯ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އެއް މިސާލަކީ ރައީސް ވިދާޅުވި ގޮތުގައި އަސްކަރީ ގާބިލްކަން އިތުރު ކުރުމެވެ. ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ މަޝްވާރާ ކުރެއްވި ކަމަށާއި އޭގެ ކުރިން ކުރެއްވި ކޮންމެ އެފަދަ ރަސްމީ ދަތުރުފުޅެއްގައި ވެސް ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމުގެ މަޝްވަރާތަކާއި މަސައްކަތްތައް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަސްކަރީ ކޮންޓްރޯލް ބަޔަކަށް ދިޔުމެއް ނޫން އެކަން ނައްތާލައިފިން. މި ގައުމުގައި ބޭރުގެ ސިފައިން ނުތިބޭނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު އެއްވެސް ގައުމެއްގެ ސިފައިން ގާއިމްވެ ނުތިބޭނެ ކަމަށާއި އެފަދަ ކަންކަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.