އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހެޅުން މާދަމާ މެންދުރުފަހަށް ތާވަލުކޮށްފި

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހުގައި ޖަވާބު ދެއްވަނީ -- މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބާއްވާ ހާއްސަ ޖަލްސާ މާދަމާ މެންދުރުފަހު ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމުގެ ޖަލްސާ އޮންނާނީ މާދަމާ މެންދުރުފަހު 1:30 ގައި ކަމަށެވެ. 

ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ ޖުމްލަ ކިހާ އަދަދެއްގެ ބަޖެޓެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ގާނޫނު ބުނާ ގޮތުން، ކުރިއަށް އޮތް އަހަރުގެ ލަފާކުރާ ދައުލަތުގެ ބަޖެޓު ކޮންމެ އަހަރެއްގެ ނޮވެމްބަރު 1 ގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. 

މި އަހަރަށް ލަފާކޮށް، މިދިޔަ އޮކްޓޯބަރު 30 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓަށް ވާއިރު، މިއީ 2025 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.


މި އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ހިމެނެއެވެ. އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ އާމްދަނީ އަންދާޒާކުރުމުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ ހިލޭ އެހީގެ ފައިސާ ހިމަނާފައި ނުވުމެވެ.

މީގެއިތުރުން، މި އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާއެވެ. މިއީ ފަހުގެ ތާރީޚެއްގައި ނިސްބަތުން ބަޖެޓް ޑެފިސިޓް އެންމެ ކުޑަކޮށް ހުށަހެޅުނު ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.