ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ، މީޑިއާ ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

އިސްތިއުފާގެ ސިޓީގައި ފަރުޝަތު ފާހަގަކުރެއްވި ގޮތުގައި، ކޮމިޝަނުގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށާއި، ހުރިހާ މީޑިއާތަކަކަށް ހަމަހަމަކަމާ އެކު އިންސާފު ގާއިމުކޮށްދިނުމަށް ހުރަސްއަޅާ ބޮޑެތި ދަތިތައް އެބަހުއްޓެވެ.

މީޑިއާ ކޮމިޝަނުގެ ރައީސް ފަރުޝަތު. --ފޮޓޯ: މިހާރު ނޫސް

ޒިންމާތައް ފުރިހަމަކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސް މުހައްމަދު ފަރުޝަތު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ފަރުޝަތު ފާހަގަކުރެއްވި ގޮތުގައި، ކޮމިޝަނުގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށާއި، ހުރިހާ މީޑިއާތަކަކަށް ހަމަހަމަކަމާ އެކު އިންސާފު ގާއިމުކޮށްދިނުމަށް ހުރަސްއަޅާ ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. 

އެހެންކަމުން މިއަދުން ފެށިގެން އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގެ އިތުރުން މެންބަރުކަމުން ވެސް ވަކިވެވަޑައިގަންނަވަން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސިޓީގައި އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާވަމުން އަންނައިރު، މީޑިއާތަކަކީ ފައިސާގެ ގޮތުންނާއި އިލްމީ ގޮތުން ފުދުންތެރި، އަދި އާންމުންގެ ހައްގުތައް ރައްކާތެރިކުރުމުގައި މިނިވަންކަމާ އެކު މަސައްކަތްކުރާ ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށެވެ. 

އަދި ކޮމިޝަނުގެ މައްޗަށް ގާނޫނުން ލާޒިމުކުރަނީ މީޑިއާގެ އަހުލާގީ މިންގަނޑުތައް ހިފަހައްޓައި، ހަމަހަމަކަމާ އެކު ވާޖިބުތައް އަދާކުރުން ކަމަށާއި، ކޮމިޝަނުގެ އިތުބާރު ދެމެހެއްޓެނީ އެ އުސޫލުތައް ނަގަހައްޓައިގެން ކަމަށް ވެސް ފަރުޝަތު ފާހަގަކުރެއްވި އެވެ.

ފަރުޝަތު މަގާމުން ވަކިވެވަޑައިގެންނެވިއިރު، މީޑިއާތަކަށް ސަރުކާރުން ދޭ މާލީ އެހީ ދިނުމުގެ އުސޫލަށް އިސްލާހު ގެނައުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެ ބަދަލުގެ ދަށުން، މީޑިއާއެއް ރަޖިސްޓްރީކޮށްގެން ހިންގާތާ އެއް އަހަރު ވުމުން މާލީ އެހީ ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ހުށަހަޅައިފަ އެވެ. ކުރިން އަމަލުކުރަމުން ދިޔަ އުސޫލުގައި އޮންނަނީ މަދުވެގެން ތިން އަހަރު ވެފައިވާ މީޑިއާތަކަށް އެކަނި އެހީ ދިނުމަށެވެ.

ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ފަރުޝަތު، މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ.

ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެމްއެމްބީސީގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ނަމަވެސް، ކޮމިޝަން އެކުލަވާލިއިރު މީޑިއާތަކުގެ ފަރާތުން ކުރިމަތިލެއްވީ ހަތަރު ބޭފުޅުން ކަމަށް ވުމުން، އެ ބޭފުޅުން ހޮވިވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. 

އެއީ ނައިބު ރައީސް ޒަމްއަތު އަހުމަދު ވަހީދުގެ އިތުރުން އަބްދުލްއަޒީޒް އިބްރާހީމް، ސިމާހާ ނަސީމް އަދި ހުސައިން ސަގީފެވެ. މަޖިލީހުން އެ ކޮމިޝަނަށް އައްޔަންކުރެއްވި ބޭފުޅުންނަކީ އިސްތިއުފާ ދެއްވި ފަރުޝަތުގެ އިތުރުން ސޮފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.