މުސާރަ ބޮޑުކުރުމާ ދެކޮޅަށް އެމްޑީޕީގެ 12 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

އުއްތަމަފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސަރުކާރުގެ ވަޒީރުން އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީން ނިންމާފައިވާ ގޮތަށް، މުސާރަތައް ބޮޑުކުރަން މިއަދު މަޖިލީހުން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވޯޓްދެއްވައިގެންނެވެ.
މުސާރަ ބޮޑުކުރުމާ ދެކޮޅަށް އެމްޑީޕީގެ 12 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
އިދާރީ މޭޒުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ކަރުދާހުގައި ބުނެފައިވާ ގޮތުން މަޖިލިސް ރައީސްގެ މުސާރަ ބޮޑު ކުރަން ނިންމާފައި ވަނީ މަޖިލިސް ރައީސަށް ލިބޭ ޖުމްލަ މުސާރަ މަޖިލީހުގެ ނައިބު ރައީސާއި އާންމު މެންބަރުންނަށް ވުރެ ކުޑަ ވުމެވެ. މަޖިލީހުގެ ނައިބު ރައީސަށް މިހާރު ލިބެނީ 91،000ރ. އެވެ. އަދި މެންބަރުންނަށް ލިބެނީ 82،500ރ. އެވެ.
ވަޒީރުންގެ މުސާރަ ބޮޑު ކުރާ ސަބަބެއް ކަމުގައި ބުނެފައި ވަނީ މި ފަހުން ސަރުކާރުން މުސާރަތައް މުރާޖާ ކުރިއިރު މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މެންބަރުންނަށް މިހާރު 91،000ރ. އާއި 81،000ރ. ދެމެދުގެ މުސާރައެއް ލިބޭތީ ވަޒީރުންގެ މުސާރަ އެއް ހަމަކުރުމުގެ ގޮތުންނެވެ.
މީގެ އިތުރުން އުއްތަމަފަނޑިޔާރުގެ މުސާރަ ވެސް 95،125.ރ އަށް ބޮޑުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.