ޗައިނާ އެފްޓީއޭއިން 124 މިލިއަން ޑޮލަރުގެ މުދާ، އަލީޕޭއިން 73،000 ޓްރާންސެކްޝަން

ރައީސް ވިދާޅުވި ގޮތުގައި ދިވެހި ވިޔަފާރިތައް ހަމައެކަނި ބައިނަލްއަޤްވާމީ މާކެޓުގައި ބައިވެރިވުމެއް ނޫނެވެ. ބޭނުންވަނީ އެ މާކެޓުގައި ވާދަކޮށް ކާމިޔާބު ބަޔަކަށްވާ ވާށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯރަމްގައި ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ޗައިނާ ރާއްޖެ ފްރީ ޓްރޭޑް އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން ރާއްޖެއަށް 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށް، އަލީޕޭ / ވީޗެޓުން 73،000 ޓްރާންސެކްޝަން ހަދައިފި އެވެ.

މި ނަމްބަރުތައް އިއުލާނު ކުރައްވަމުން ހުޅުމާލެ މަންހަޓަން ހޮޓެލްގައި މިއަދު ފެށި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް" ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަހަރުގެ އޮގަސްޓުގެ ނިޔަލަށް މި އަހަރު 440 މިލިއަން ޑޮލަރުގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އަދި މީގެ ތެރެއިން 124 މިލިއަން ޑޮލަރުގެ މުދަލަކީ ޗައިނާ -ރާއްޖެ ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުން އެތެރެކުރި މުދަލެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި ތައާރަފުކޮށްފައިވާ އަލީޕޭ / އާއި ވީޗެޓުން މިހާތަނަށް ޗައިނާ ޓޫރިސްޓުން 73،000 ޓްރާންސެކްޝަން ވަނީ ހަދާފަ އެވެ. މި ޓްރާންސެކްޝަންތަކުގެ އަގު 11 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. 

އެ މަނިކުފާނު ވަނީ ރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ ނުހަނު މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ (އެފްޓީއޭ) އިޤްތިސާދީ ގުޅުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. 

 ދިވެހި އުފެއްދުންތަކާއި މަހުގެ ބާވަތްތަކަށް ޗައިނާގެ މާކެޓުގައި ފުރުސަތު އޮތްކަން ފާހަގަކުރައްވައި، ދިވެހި ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސް ގޮވާލެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތައް ހަމައެކަނި ބައިނަލްއަޤްވާމީ މާކެޓުގައި ބައިވެރިވުމެއް ނޫން. ބޭނުންވަނީ އެ މާކެޓުގައި ވާދަކޮށް ކާމިޔާބު ބަޔަކަށްވާން. މި ކަމުގައި ޗައިނާއަށް މުހިންމު ބައިވެރިއެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. ވީޗެޓްޕޭ އަދި އަލިޕޭ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރުވެރިންނަށް ފަސޭހައިން ޚަރަދުކުރެވޭނެ މަގުފަހިވުމަކީ ވިޔަފާރިތައް ފުޅާކުރުމަށް ލިބޭ ފުރުޞަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ޖިއޯގްރަފީގޮތުން ރާއްޖެއަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.