ގަރާރުތައް ބަލައިގަތުމުގެ ކުރިން ބަހުސް ނުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

މަޖިލީހުގެ ގަވައިދު ކުރިން އޮތް ގޮތުން މެންބަރުން ހުށަހަޅާ ގަރާރުތައް ބަލައިގަތުމާ މެދު ތަޅުމުން ގޮތެއް ނިންމަނީ ފުރަތަމަ އެ ގަރާރަކަށް ބަހުސް ކުރުމަށް ފަހުގަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވެވަޑައި ގަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅުއްވާ ގަރާރުތައް ބަލައިގަތުމާ މެދު މެންބަރުންގެ މެދުގައި ވޯޓެއް ނަގައި، އެ ގަރާރެއް ބަލައިނުގަންނަން ފާސްވެއްޖެ ނަމަ ބަހުސް ކުރުމަކާ ނުލައި ބާތިލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.

މި އިސްލާހަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އިސްލާހެކެވެ.

މަޖިލީހުގެ އާންމު ކޮމިޓީން އިބާރާތަށް ކުދި ބަދަލުތަކެއް ގެނައި ނަމަވެސް، އަސްލު މަފްހޫމަށް ބަދަލެއް ނުގެނެސް ތައްޔާރުކުރި ރިޕޯޓް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 

މި ރިޕޯޓާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

ގަވައިދަށް ގެނައި މި ބަދަލާ މެދު އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، މަޖިލީހުގެ އަސާސީ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ފާރަވެރިވުން ކަމަށް ވާއިރު، މި ބަދަލުގެ ސަބަބުން އެ ޒިންމާއަށް ހުރަސްއެޅޭ ކަމަށެވެ. އަދި ބިލުތަކާއި ގަރާރުތަކަށް ވަކި އިޖުރާއަތްތަކެއް ކަނޑައަޅާފައި އޮންނަނީ މަގުސަދެއް އޮވެގެން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު ހަނިކުރުމަކީ ހުދުމުހުތާރު ސިފައެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދައުރުތަކުގައި ވެސް އަމަލުކުރަމުން އައީ ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އެއަށް ބަހުސްކުރާ އުސޫލުން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގާނޫނު ހަދާ މަޖިލިސްތަކުގައި ވެސް ބިލުތަކާއި މައްސަލަތައް ތަޅުމަށް ގެނައުމުގެ ކުރިން ކޮމިޓީތަކުން ދިރާސާކޮށް އަނބުރާ ފޮނުވާލާ ކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ މިންގަނޑުތަކާ ފައިހަމަކުރުމަށްޓަކައި މަޖިލީހުގެ މަސައްކަތްތަކަށް އިސްލާހުތައް ގެންނަން ވިސްނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދު ކުރިން އޮތް ގޮތުން މެންބަރުން ހުށަހަޅާ ގަރާރުތައް ބަލައިގަތުމާ މެދު ތަޅުމުން ގޮތެއް ނިންމަނީ ފުރަތަމަ އެ ގަރާރަކަށް ބަހުސް ކުރުމަށް ފަހުގަ އެވެ. ނަމަވެސް މިއަދު ފާސްކުރި އިސްލާހާ އެކު، ބަހުސް ކުރެވޭނީ ތަޅުމުން ފާސްވެ ބަލައިގަންނަ ގަރާރުތަކަށް އެކަންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.