ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އީގަލް ހިލްސްއާ އެމްޑީޕީން ދެކޮޅުވުން ރަނގަޅު ނޫން ކަމަށެވެ.

ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ މައްސަލާގައި އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
މި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އީގަލް ހިލްސްއާ އެމްޑީޕީން ދެކޮޅުވުން ރަނގަޅު ނޫން ކަމަށެވެ. އަދި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކަށް ގެއްލުންވާނެ ކަމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މި މަޝްރޫއު އިންތިޒާމުކޮށްފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ބިން ދޫކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަ އެވެ. ނަމަވެސް ޑިވެލޮޕަރަށް ބިން ދޫކުރަނީ ހިލޭ ނޫން ކަމަށާއި، އޭގެ ބަދަލުގައި އެޑްވާންސްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ އަގުހުރި 5،000 ހައުސިން ޔުނިޓް ދައުލަތަށް ލިބޭނެ ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.