މި ބިލުގެ މަގްސަދަކީ، ގަތުލުއާންމު ހިންގުމާއި، ދައުލަތަށް ހިޔާނާތްތެރިވުމާއި، އަދި އިގްތިސާދީ ރައްކާތެރިކަމަށް ގަސްދުގައި ގެއްލުންދޭ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށްތަކަށް ހަރުކަށި އަދަބުތައް ބަޔާންކުރުން.

ގާނޫނުލްއުގޫބާތަށް މުހިންމު އިސްލާހުތަކެއް ގެނެސް، ގަތުލުއާންމު ހިންގުމާއި، ދައުލަތަށް ހިޔާނާތްތެރިވުމާއި، އަދި އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުމަކީ ޖިނާއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ގާނޫނުލްއުގޫބާތަށް މި އިސްލާހުތައް ގެނައުމަށް އެކުލަވާލާފައިވާ މި ބިލުގެ މައިގަނޑު މަގްސަދަކީ، ގަތުލުއާންމު ހިންގުމާއި، ދައުލަތަށް ހިޔާނާތްތެރިވުމާއި، އަދި ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގަސްދުގައި ގެއްލުންދޭ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށްތަކަށް ހަރުކަށި އަދަބުތައް ބަޔާންކުރުމެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު މުހިންމު ބައިތަކަށް ބަލާއިރު، ގާނޫނުލްއުގޫބާތުގެ 140 ވަނަ ބާބުގެ ފަހަތަށް 150 ވަނަ ބާބުގެ ގޮތުގައި "ގަތުލުއާންމު" ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހިމަނާފަ އެވެ.
އެގޮތުން ވަކި ގައުމިއްޔަތެއް، ނަސްލެއް، ނުވަތަ ދީނީ ޖަމާއާތެއް އެއްކޮށް ނުވަތަ އޭގެ ބައެއް ނައްތާލުމުގެ ނިޔަތުގައި ބަޔަކު މެރުމާއި، ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިނުމާއި، ޓޯޗާ ކުރުމާއި، ރޭޕްކުރުމާއި، ކުދިން ވިހެއުން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، އަދި ނިޒާމީ ގޮތެއްގައި ގޯތިގެދޮރުން ނެރެ އެއްތަނުން އަނެއްތަނަށް ބަދަލުކުރުން ފަދަ އަމަލުތައް މި ބާބުގެ ދަށުން ކުށުގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.
އަދި ވެރިއެއްގެ އަމުރަށް ތަބާވުމުގެ ގޮތުން ކުރި ކަމެއް ކަމުގައި ބުނުމަކީ މި ކުށުން ބަރީއަވެވޭނެ އުޒުރެއް ނޫން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ފަނޑިޔާރަކު، ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރި މަޤާމެއްގައި ހުރި މީހަކު މިފަދަ ކަމެއް ކޮށްފިނަމަ، އެއީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ހަމައެއާއެކު، ދީނީ އެއްބައިވަންތަކަން ނަގާލުމާއި އިސްލާމްދީނާމެދު ނަފްރަތު އުފެއްދުމާ ގުޅޭގޮތުން ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާއަށްވެސް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. އެގޮތުން ދުރާލާ ރާވައިގެން ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމްދީނާމެދު ނަފްރަތު އުފެއްދުމުގެ ނުވަތަ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ނިޔަތުގައި އަމަލުކޮށްފިނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެ ނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުން ހުއްޓުވުމަށްޓަކައި 630 ވަނަ މާއްދާގެ ގޮތުގައި އާ މާއްދާއެއް އިތުރުކުރުމަށް ވަނީ ހިމަނާފަ އެވެ. ދައުލަތުގެ މާލީ ނުވަތަ އިގްތިސާދީ ރައްކާތެރިކަމަށް ނުރައްކާވާ ފަދަ އަމަލުތައް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ ކަމެއް ދައުލަތް ނުވަތަ ސަރުކާރު ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ކޮށްފިނަމަ، އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެ ނޫން ފަރާތްތަކަށް އެއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށްތައް ބަޔާންކުރުމަށްޓަކައި ގާނޫނަށް އިތުރުކުރާ 730 ވަނަ މާއްދާގެ ދަށުން، ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުމާއި، ދައުލަތުގެ އިސްތިގްލާލާއި ގައުމީ ސަލާމަތަށް ހިޔާނާތްތެރިވެ ދުޝްމަނުންނަށް ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ބޮޑު ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި މިފަދަ ކުށްތަކަށް ހާއްސަ އިތުރު އަދަބުތައް ކަނޑައެޅުމުގެ އިހްތިޔާރުވެސް މި އިސްލާހުގެ ދަށުން ކޯޓުތަކަށް ލިބިދެ އެވެ.
މި ބިލަކީ ރާއްޖޭގެ ދާހިލީ އަދި ގައުމީ ސަލާމަތް ހަރުދަނާކޮށް، ދައުލަތުގެ މުއައްސަސާތަކާއި އިގްތިސާދީ ނިޒާމު ރައްކާތެރިކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ޖިނާއީ އަދުލުގެ މިންގަނޑުތައް ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ހަރުދަނާކުރުމަށް ހުށަހެޅުނު ބިލެއް ކަމަށް ބުނެފައިވެ އެވެ.