ރާއްޖޭގެ މޫސުމާ ބެހޭ އޮފީހުން ބުނެފައިވާ ގޮތުގައި މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަކަށް ނުކުރާނެ އެވެ. ނަމަވެސް މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށްވުމުން މިވަގުތުވެސް މުޅިރާއްޖެ އޮތީ ހުދު ސަމާލުގަ އެވެ.

ތޫފާންތަކުގެ ސަބަބުން ގަދަ ވަޔާއި ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުން ފަދަ ކަންކަން ކުރިމަތިވާއިރު ތޫފާން އަންނާނެ ކަމަށް ލަފާކުރެވޭ އިންޑިއާގެ މަގުގައިވާ ސްޓޭޓްތަކުން ކުރިއާލައި ތޫފާނަށް ދަނީ ތައްޔާރު ވަމުންނެވެ. މިހާރު "އަރްނަބް'" އިންޑިއާގެ އިރުމަތީ އައްސޭރި ފަށާ ގާތްވަމުންދާއިރު އެ ގައުމުގެ އޮޑިޝާ އަދި އަންދްރަ ޕްރަދޭޝް އިން ވަނީ މީގެ ސަބަބުން ކޮށްފާނެ އަސަރަކުން ސަލާމަތްވުމަށް ހޭލާފަ އެވެ. އިންޑިއާ މޫސުމާ ބެހޭ އޮފީސް މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ލަފާކޮށްފައިވާ ގޮތުގައި މިއަދު ބޭ އޮފް ބެންގޯލްގެ ހުޅަނގު-މެދުތެރޭގައި މި ސިސްޓަމް ތޫފާނަކަށް ބަދަލުވެ ބުދަ ދުވަހުގެ ހެނދުނު އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށާ ދިމާއަށް މިސްރާބު ޖަހާނެ އެވެ.
މި ތޫފާނުގެ ސަބަބުން ރާއްޖެއަށް އަސަރުކޮށްފާނެ ހެއްޔެވެ؟
"އަރްނަބް" މި ނަން ހުށަހަޅާފައިވަނީ ބަންގްލަދޭޝް އިންނެވެ. އަދި މިއީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔުއެމްއޯ) އަދި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ޕެނަލް އޮން ޓްރޮޕިކަލް ސައިކްލޯންސް އިން ފާސްކޮށްފައިވާ ޓްރޮޕިކަލް ތޫފާންތަކުގެ ރަސްމީ ނަންތަކުގެ ލިސްޓުގައި ހިމެނޭ ނަމެކެވެ. މި ލިސްޓުގައި 13 ޤައުމަކުން ހުށަހަޅާފައިވާ ނަންތައް ހިމެނެއެވެ. އެ ގައުމުތަކަކީ ބަންގްލަދޭޝް އާއި އިންޑިއާ އަދި އީރާން އާއި ދިވެހިރާއްޖެ އަދި މިޔަންމާ އާއި އޮމާން އަދި ޕާކިސްތާނާއި ޤަތަރު އަދި ސަޢޫދީ ޢަރަބިއްޔާ އާ ސްރީލަންކާ، ތައިލެންޑް އަދި ޔޫއޭއީ އާއި ޔަމަނެވެ. ކޮންމެ ޤައުމަކުން ވެސް 13 ނަން ހުށަހަޅާފައިވާއިރު، ޖުމްލަ 169 ނަން ހިމެނެ އެވެ. މި ނަންތައް ބޭނުންކުރަމުން ދަނީ ބޭ އޮފް ބެންގޯލް އަދި އަރަބި ކަނޑު ހިމެނޭގޮތަށް އުތުރު އިންޑިއާ ކަނޑުގައި އުފެދޭ ޓްރޮޕިކަލް ތޫފާންތަކަށް ތަރުތީބުންނެވެ.
އަރްނަބް މި ނަމަކީ އާންމުގޮތެއްގައި ބެންގާލީ ބަހުން ކަނޑަށް ނުވަތަ މާކަނޑަށް ކިޔާ ނަމެކެވެ. ނަމަވެސް، އައިއެމޑީގެ ރަސްމީ ލިސްޓުގައި މި ނަން ހުށަހެޅި ޤައުމާއި ނަން ކިޔާނެ ގޮތް ކަށަވަރުކޮށްދީފައި ވީނަމަވެސް، ބަހުގެ މާނައެއް ދީފައެއް ނުވެއެވެ.
އައިއެމްޑީ އިން ބުނާ ގޮތުގައި ޓްރޮޕިކަލް ތޫފާންތަކަށް ނަން ދިނުމުން، އެކި މޫސުމީ ސިސްޓަމްތައް ފާހަގަކޮށް، އޭގެ ހާލަތު ދެނެގަތުމަށް މީހުންނަށް ފަސޭހަވެގެންދެއެވެ. އަދި އެއްފަހަރާ އެތައް ތޫފާނެއް އުފެދޭ ހާލަތްތަކުގައި އޮޅުން އެރުން ކުޑަކޮށްދެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އޮފީހުން ބުނެފައިވާ ގޮތުގައި މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަކަށް ނުކުރާނެ އެވެ. ނަމަވެސް މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށްވުމުން މިވަގުތުވެސް މުޅިރާއްޖެ އޮތީ ހުދު ސަމާލުގަ އެވެ. މި ދުވަސް ވަރު ރާއްޖެ މި އޮތީ "ހެއި" ނަކަތުގަ އެވެ. މިއީ ހުޅަނގު މޫސުމުގެ 15 ވަނަ ނަކަތެވެ. މިއީ ވައި އެނބުރޭ ނަކަރތެކެވެ މި ނަކަތުގެ އެއް ސިފައަކީ ވައިގެ ބާރުވިން ގަދަވުމެވެ. މި ނަކަތުގައި ވައި ޖެހޭނީ އެކިފަހަރު އެކި ދިމާލުންނެވެ. އެކަމަކު ޢާންމުކޮށް ވައި ހުންނާނީ ހުޅަނދުގަ އެވެ. ގަޑިއަކު 22 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ހުންނައިރު، މިއީ މަސްވެރިކަން ރަނގަޅު ނަކަތެވެ.