ކުދިމެދު ވިޔަފާރިތަކަށް ނުލިބި ހުރި ފައިސާ ޓެކުހުން އުނިކުރާނެ އުސޫލު އާއްމުކޮށްފި

މީރާ އަށް ދައްކަންޖެހިފައިވާ ފައިސާ އަޅައިކަނޑައިދިނުމުގައި ޢަމަލުކުރާނީ ވަކި ތަރުތީބަކުންނެވެ. އެގޮތުން އެންމެ ފުރަތަމަ އަޅައިކަނޑާނީ ނުދައްކާ އޮތް ޕްރިންސިޕަލް އަދަދަށެވެ. އެއަށްފަހު ޖޫރިމަނާއަށާއި އިންޓަރެސްޓަށެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގެ ސްޓޯލަކުން މީހަކު ވިޔަފާރި ކުރަނީ -- މޯލްޑިވްސް އެކްސްޕޯ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދޭން ސަރުކާރުން ނިންމާފައިވާ ގޮތުގެ މަތިން، ވިޔަފާރިތަކަށް ނުލިބި ހުރި ފައިސާ ޓެކުހުން ކަނޑާނެ އުސޫލު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފި އެވެ.

މީރާ އިން ބުނީ މި އުސޫލުގެ މައިގަނޑު މަޤުސަދަކީ މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ދެއްކުމުގެ ގޮތުން، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، އެ ފައިސާއަކާ އަޅައިކަނޑައިދިނުމުގެ ފުރުސަތު ފަސޭހަކަމާއެކު ފަހިކޮށްދިނުމެވެ.

އާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ފަދައިން ފައިސާ އަޅައިކަނޑައިދިނުމަށް އެދި ހުށަހަޅަންޖެހޭނީ "މީރާކަނެކްޓް" މެދުވެރިކޮށެވެ. ނުވަތަ މީރާގެ 904 ފޯމު (އެޖަސްޓްމަންޓް/ރީފަންޑަށް އެދޭ ފޯމު) އަދި އީމެއިލް މެދުވެރިކޮށް ވެސް މި ކަމަށް އެދި ހުށަހެޅޭނެއެވެ

ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު ލިބެންޖެހޭ ފައިސާގެ ތަފްސީލުތައް ފުރިހަމައަށް ހުށަހަޅަން ޖެހެއެވެ. ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާއެއްނަމަ، އެކަން މީރާއިން ކަށަވަރުކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއްނަމަ އެ ފައިސާއެއްގެ ޞައްޙަކަން ކަށަވަރުކުރާނީ އެ ކުންފުންޏެއް މެދުވެރިކޮށެވެ.

މީރާ އަށް ދައްކަންޖެހިފައިވާ ފައިސާ އަޅައިކަނޑައިދިނުމުގައި ޢަމަލުކުރާނީ ވަކި ތަރުތީބަކުންނެވެ. އެގޮތުން އެންމެ ފުރަތަމަ އަޅައިކަނޑާނީ ނުދައްކާ އޮތް ޕްރިންސިޕަލް އަދަދަށެވެ. އެއަށްފަހު ޖޫރިމަނާއަށާއި އިންޓަރެސްޓަށެވެ. ނަމަވެސް، ދައްކަންޖެހޭ ޕްރިންސިޕަލް އަދަދެއް ނެތްނަމަ، ސުންގަޑި ހަމަނުވާ މުއްދަތުތަކަށް ދައްކަންޖެހޭ ފައިސާއާވެސް އަޅައިކަނޑައިދެވޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މި އުސޫލުގެ ދަށުން އެއްވެސް ފައިސާއެއް އަޅައިކަނޑައިދެވުނުކަމަށް ބަލާނީ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ކުންފުންޏަކުން އެ ފައިސާއެއް މީރާއަށް ޖަމާކުރުމުންނެވެ. އަދި ފައިސާ ދައްކާ ފަރާތުން ފައިސާ ދެއްކި ތާރީޚުގެ ގޮތުގައި މީރާގެ ރެކޯޑުތަކުގައި ހިމަނާނީ ވެސް، މީރާ އަށް އެ ފައިސާ ލިބޭ ތާރީޚެވެ.

މީރާ އިން މި އުސޫލު އާއްމުކުރިއިރު ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުދިމެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ލުއި ތަކެއް ދޭނެކަން އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ޖީއެސްޓީ ދައްކަން ލާޒިމްވާ އަދަދު މަތި ކުރުމާއި ނުދައްކާ ހުރި ފައިސާ ޓެކުހުން އުނި ކުރުން ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.