މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތެއް ރަޖިސްޓްރީ ކުރި އެވެ. މީގެ ތެރެއިން 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުތަކާއި އުފެއްދުންތެރިކަން ފެނިގެންދާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" 419 ފަރާތެއްގެ 4,404 އުފެއްދުމާއެކު މިރޭ ހުޅުވާނެ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނަ ކުލަގަދަ ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައި ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ނުވަ ދުވަހުގެ މި މައުރަޒަކީ ފާއިތުވި އަހަރާ އަޅާބަލާއިރު ބައިވެރިންނާއި އުފެއްދުންތައް ވަނީ އަދާޔާ ހިލާފަށް އިތުރުވެފަ އެވެ.
މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތެއް ރަޖިސްޓްރީ ކުރި އެވެ. މީގެ ތެރެއިން 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިވެފަ އެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ. ބައިވެރިންގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ކުންފުނިތައް ހިމެނެ އެވެ. އުފެއްދުންތައް ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިެނެ އެވެ. އެންމެ ގިނަ އުފެއްދުންތައް ބައިވެރިކޮށްފައިވަނީ ދިވެހިންގެ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި ދާއިރާއިން 1,695 އުފެއްދުމެއް ބައިވެރިކޮށްފައިވެ އެވެ. މީގެ އިތުރުން 920 އުފެއްދުމެއް ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިން ދާއިރާއިން ބައިވެރިކޮށްފައިވެ އެވެ. މީގެ އިތުރުން ވެސް އިޔާދަކުރަނިވި ހަކަތައާއި ފެޝަނާއި ކާބޯތަކެއްޗާއި އައިސީޓީ ފަދަ ދާއިރާތަކުން ގިނަ އުފެއްދުން ތަކެއް ބައިވެރިކޮށްފައިވެ އެވެ.
މި އަހަރުގެ މައުރަޒުގައި ހަތް ދާއިރާއެއް ހިމެނެ އެވެ. މީގެ ތެރެއިން މުޅިން އަލަށް ތައާރަފުކުރި "ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް" އަކީ ރަށު ޓޫރިޒަމް ޕްރޮމޯޓް ކުރަން ހާއްސަ ބައެކެވެ. މި ޑިސްޓްރިކްޓުގައި 20 ފަރާތަކަށް ޖާގައެއް ހިމެނެ އެވެ. މި ބައިގައި ފުވައްމުލައް، ބ، ޅ، އއ، އަދި އދ އަތޮޅުން ވަނީ ބައިވެރިވެފައެވެ.
މި އަހަރުގެ މައުރަޒުގައިވެސް އެންމެ މޮޅު އުފެއްދުންތައް ބަލައި ވަނީ އެވޯޑް ދީފަ އެވެ. މިގޮތުން ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން އެއް ވަނައަށް ހޮވުނު 116 ފަރާތާއި 2 ވަނައަށް ހޮވުނު 95 ފަރާތް އަދި ތިން ވަނައަށް ހޮވުނު 82 ފަރާތް ހިމެނޭހެން ޖުމްލަ 134 ބައިވެރިން ވަނީ ވަނަ ހޯދާފަ އެވެ. މީގެ އިތުރުން މުޅި މައުރަޒުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" ވެސް ވަނީ ދީފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު 76 އެވޯޑެއްވެސް ދީފައިވެ އެވެ.