ރަސްމާލެ ވޯޓާފްރަންޓް މަޝްރޫއަކީ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އާމޮޑެލްއެއް

މިނިސްޓަރު މުއްތަލިބު ވިދާޅުވީ 2040 ގައި އެންމެ ކުރިއަރާފައިވާ ގައުމަކަށްވާން ބޭނުންނަމަ އިގްތިސޯދީ ދުވެލި ހަލުވި ކުރަން ޖެހެ އެވެ. އެކަން ކުރަން ރާއްޖޭގެ ގުދުރަތީ ވަސީލަތް ރައްކާތެރިކޮށް އޭގެ ފައިދާ ހޯދަން ޖެހެ އެވެ.

މިނިސްޓަރު އަބްދުﷲ މުއްތަލިބު ސީއޭ މޯލްޑިވްސް އިން އިންތިޒާމު ކުރި އެކައުންޓިން ފޯރަމްގައި ވާހަކަ ދައްކަވަނީ -- ޕީއެސްއެމް ފޮޓޯ

ރާއްޖޭގެ އިގްތިސޯދު ފުޅާކުރަން މިވަގުތު ރިއަލްއެސްޓޭޓް ޓޫރިޒަމްގެ އާމޮޑެލްއެއް، ބޭނުންވާ ކަމަށާ، "ރަސްމާލެ ވޯޓާފްރަންޓް" މަޝްރޫއަކީ އެފަދަ ބިޔަ މަޝްރޫއެއް ކަމަށް ގެދޮރާއި ބިނާރާ ބެހޭ ވަޒީރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ހުޅުމާލެ މަންހަޓަން ބިޒްނަސް ހޮޓެލްގައި މިއަދު ފެށި، މޯލްޑިވްސް އެކައުންޓިން ފޯރަމްގައި ބޭއްވި އިންވެސްޓްމަންޓާ ބެހޭ ޕެނަލް ޑިސްކަޝަން ފައްޓަވައި ދެއްވަމުން ދެއްވި ޕްރެޒެންޓޭޝަންގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރާއްޖެ 2040 ވަނަ އަހަރު އެންމެ ކުރިއަރާފައިވާ ގައުމެއްގެ ލަނޑުދަނޑި ހާސިލް ކުރަން ބޭނުންނަމަ "ފުޅާ ފިޔަވަޅު" ތަކެއް އަޅަން ޖެހެ އެވެ. 

އެގޮތުން މިފަދަ ދިގު ފިޔަވަޅެއް ނަގަން ބަލާއިރު ތެލާއި ގޭސް ހޯދުން ފަދަ ކަންކަމަކީ ވުމަށްވުރެ ނުވުމުގެ ފުރުސަތު އޮތް ކަމެވެ. އެހެންވެ ރާއްޖޭން ބަލަން ޖެހޭނީ ދިވެހިންގެ އެންމެ މުހިންމު ވަސީލަތް ކަމަށްވާ ގުދުރަތުން ދެއްވާފައިވާ ރީތިކަން ދަމަހައްޓައިގެން ކުރިމަގުގެ ޖީލުތަކަށް ފައިދާ ކުރާނެ ކަމެއް ކުރަން ކަމަށާ، އެގޮތުން ރަސްމާލެ ވޯޓާފްރަންޓް މަޝްރޫއަކީ އެފަދަ ފައިދާތައް ހުރި މަޝްރޫއެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

ރިއަލް އެސްޓޭޓް ޓޫރިޒަމް ގެނައި ނަމަވެސް، ރާއްޖޭގެ މަޝްހޫރު "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓް ހިމާޔަތްކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމް ކުރިއަށްގެންދާނީ ރިސޯޓުތަކުގައި ނޫން ކަމަށާއި އެކަމަށް ކަނޑައެޅިފައިވާ ސިޓީތަކުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުން ލިބޭ މަންފާ އިތުރުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ޕްރޮޕަޓީތައް ދޫކުރާނީ ދައުލަތުގެ ބާރު އޮންނާނެ. ދައުލަތަށް އާމްދަނީ ލިބޭނެހެން ލީޒް އުސޫލުން،" މުއްތަލިބު ވިދާޅުވި އެވެ. 

މިނިސްޓަރުގެ ޕްރެޒެންޓޭޝަންގައި ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު އެންމެ ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސްގެ "ވިޝަން 2040" ހާސިލުކުރުމަށްޓަކައި އިޤްތިސާދު ސިންދަފާތުކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، މުއްސަނދި އާއިލާތަކަށް ދިގު މުއްދަތަކަށް ޗުއްޓީ ހޭދަކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން މުހިންމެވެ. 

އައު ލީސް މޮޑެލްއިން ދައުލަތަށް ލިބޭނެ އާމްދަނީ

އަލަށް ތައާރަފުކުރާ މޮޑެލްގެ ދަށުން، ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު ދައުލަތަށް %4 ލިބޭނެ އެވެ. އަދި ގަންނަ ފަރާތަށް 99 އަހަރު ލީސްއެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން، މާސްޓާ ލީސް އިން އާމްދަނީގެ % 10 ދައުލަތަށް ނެގުމަށް ވަނީ ނިންމާފަ އެވެ. މިގޮތުން، އަންދާޒާކުރެވޭ 31 ބިލިއަން ޑޮލަރުގެ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީ ވިއްކައިގެން، ގާތްގަނޑަކަށް 10 އަހަރުގެ ތެރޭގައި ދައުލަތަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. 

މިނިސްޓަރުގެ ޕްރެޒެންޓޭޝަންގައި ވަނީ އާއްމު ރިސޯޓު ފަޅު ދޫކޮށްގެން މަޝްރޫއު ހިންގުމާ ރަސްމާލެ ފަދަ "މިކްސްޑް-ޔޫސް ސިޓީ" އެއްގައި ހިންގާ މަޝްރޫއުތަކުގެ ތަފާތު ވިދާޅުވެދެއްވާފަ އެވެ.  

އާއްމު އުސޫލާއި ރަސްމާލެ މަޝްރޫއުގެ ތަފާތު

ރިސޯޓު ފަޅަކުން ހެކްޓަރަކަށް އަހަރަކު 85,000 ޑޮލަރުގެ ޓީޖީއެސްޓީ ލިބޭއިރު، ސިޓީއަކުން ހެކްޓަރަކަށް 680,000 ޑޮލަރު ލިބޭނެ އެވެ. ސިޓީއަކުން ހެކްޓަރަކަށް 1,800 ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭއިރު، ރިސޯޓަކުން ހެކްޓަރަކަށް ޒިޔާރަތްކުރަނީ ގާތްގަނޑަކަށް 230 ޓޫރިސްޓުންނެވެ. ސިޓީގައި ހެކްޓަރަކަށް 30 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ އެވެ. ރިސޯޓެއްގައި އުފެދެނީ ހެކްޓަރަކަށް ގާތްގަނޑަކަށް ހަތަރު ވަޒީފާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.