މި ސްކީމްތަކުގެ ފުރިހަމަ އުސޫލާއި ޝަރުތުތައް ވަރަށް އަވަހަށް އާންމުކޮށް، އަންނަ ނޮވެމްބަރު މަހު އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރު އެޅުމަށާއި ގަތުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ހަމަޖައްސައިދިނުމަށް ސަރުކާރުން ތައާރަފުކުރާ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއުގެ ދަށުން ސަރުކާރުން ވަނީ ބީއެމްއެލް، އެމްއައިބީ، އެޗްޑީއެފްސީ އަދި އެމްއެފްއެލްސީއާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
ލިންކްޑްއިންގައި ރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގޭބިސީތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އާއިލާތަކުގައި އެއްވެސް ވަރަކަށް ފައިސާ ރައްކާކުރެވިފައި ނެތް ކަމަށް ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކު ހެދި ދިރާސާއިން ދައްކާ ކަމަށެވެ.
އަދި ގެދޮރު މިލްކުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަހުން މަހަށް ދައްކަންޖެހޭ އަދަދަށް ވުރެ ބޮޑަށް، އެންމެ ފުރަތަމަ އެއްފަހަރާ ދައްކަންޖެހޭ ބޮޑު ޑިޕޮސިޓް ފައިސާ ނެތުމެވެ.
މި ދެ ސްކީމަކީ އެ ހުރަސް ނައްތާލުމަށް ދޭ ހިލޭ އެހީއެކެވެ.
ހެލްޕް ޓު ބިލްޑް: އަމިއްލަ ބިމުގައި ގެދޮރު އެޅުމަށް ލޯނު ނަގާ ފަރާތްތަކަށް ހާއްސަ މި ސްކީމުގެ ދަށުން، 1 މިލިއަން ރުފިޔާގެ ލޯނެއްގެ 20 ޕަސެންޓު އިކުއިޓީ ހަމަޖެއްސުމަށް ކޮންމެ މީހަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭނެ އެވެ. މާލޭގައި ގުޅިގެން ގެއަޅާ ބިންތަކަށް ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބެ އެވެ. ފުރަތަމަ ފިޔަވަހީގައި މި ފުރުސަތު އޮތީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގަ އެވެ.
ހެލްޕް ޓު ބައި: އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހާއްސަ މި ސްކީމުގެ ދަށުން، ރަށްރަށުގައި އަޅާ 1.5 މިލިއަން ރުފިޔާގެ އެފޯޑަބަލް ހައުސިން ޔުނިޓުތަކަށް ސަރުކާރުން 250،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެ އެވެ. މިއާއެކު، 20 ޕަސެންޓުގެ ޑައުންޕޭމަންޓަކަށް އަމިއްލަ ޖީބުން ދައްކަންޖެހޭ އަދަދު 300،000 ރުފިޔާއިން 50،000 ރުފިޔާއަށް ކުޑަވެ އެވެ.
މި އެހީއަކީ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ ލޯނެއް ނޫނެވެ. ނަމަވެސް، ވިޔަފާރި އުސޫލުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި، އެހީ ލިބޭ ގެދޮރު 20 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައިފިނަމަ އެ އެހީ އެއްކޮށް ދައުލަތަށް އަނބުރާ ދައްކަން ޖެހޭނެއެވެ.
މި ސްކީމްތަކުގެ ފުރިހަމަ އުސޫލާއި ޝަރުތުތައް ވަރަށް އަވަހަށް އާންމުކޮށް، އަންނަ ނޮވެމްބަރު މަހު އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.