އެންޑީއެމްއޭ އިން ބުނީ ކުޅުދުއްފުށި ސިޓީގައި ފެން ހިންދުމަށް ހަތް ޕަންޕުގެ ބޭނުންކުރަމުންދާ ކަމަށާއި، 18 ގެއެއްގެ 140 މީހުން ދެ ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ހދ. ގެ އަތޮޅުތަކަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެގޮތުން އެ ސިޓީގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، 100 އަށްވުރެ ގިނަ ގެއަށް ވަނީ ފެންވަދެފަ އެވެ.
އެންޑީއެމްއޭ އިން ބުނީ ކުޅުދުއްފުށި ސިޓީގައި ފެން ހިންދުމަށް ހަތް ޕަންޕުގެ ބޭނުންކުރަމުންދާ ކަމަށާއި، 18 ގެއެއްގެ 140 މީހުން ދެ ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދެން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އެ އަތޮޅު ނޮޅިވަރަމަށެވެ. އެގޮތުން އެރަށުގެ 95 ޕަސެންޓް ގޭގައި ފެންބޮޑުވެ، އެހެން ގެތަކަށް މީހުން ބަދަލުވަމުންދާއިރު، އެރަށުގައި ވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މީގެ އިތުރުން ވެސް ހދ. އަތޮޅުގެ ނެއްލައިދޫ، ކުމުންދޫ، ވައިކަރަދޫގެ އިތުރުން ނައިވައިދޫ، ފިނޭ އަދި ކުނރިބީގައި ވެސް ފެން ބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފެންބޮޑުވެފައިވާ ގެތަކާއި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ފިއްލަދޫ، ކެލާ އަދި މާރަންދޫގައި ކޯރު ކަނޑައިގެން ފެން ހިންދާފައިވާއިރު، ދިއްދޫ އަދި އިހަވަންދޫގައި ވެސް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ.
މި ވިއްސާރައިގައި ޅ. ނައިފަރަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެގޮތުން އެރަށުގެ 16 ގެއަކަށް ފެންވަދެ، ދެ ގެއަކުން މީހުން ވަނީ ބަދަލުކޮށްފަ އެވެ.
އެންޑީއެމްއޭއިން ބުނީ ހާލުގައި ޖެހުނު ފަރާތްތަކަށް ތިން ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން އެ އޮތޯރިޓީން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު އޮތީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ހުއްޓާނުލައި ދަނީ ވާރޭ ވެހެމުންނެވެ.