ރާއްޖެއަކީ ހަމައެކަނި މުދާ ވިއްކާ މާކެޓެއްގެ ގޮތުގައި ނުދެކެން ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސްގެ ދައުވަތު

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މި ބިޒްނަސް ފޯރަމަކީ ހަމައެކަނި ހެޔޮއެދުމުގެ ބަސްތަކަކުން ނިންމާލާ ފޯރަމަކަށް ނުހަދައި، އިންވެސްޓްމަންޓްތަކާއި އަމަލީ ނަތީޖާ ނެރެދޭނެ ބައްދަލުވުމަކަށް ހެދުމަށް ދެ ގައުމުގެ ވިޔަފާރިވެރިންނަށް ގޮވާލައްވަމުން

"މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް". --ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އަކީ ހަމައެކަނި ޕާކިސްތާނުގެ މުދާ ވިއްކާ ބާޒާރެއްގެ ގޮތުގައި ނުދެކި، ގުޅިގެން ވިޔަފާރިތައް ބިނާކޮށް، ކުރިއަރުވާނެ ހަގީގީ ބައިވެރިއެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ގޮވާލައްވައިފި އެވެ.

ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދު އޮތް ސިޔާސީ އިތުބާރާއި ޒަމާންވީ އެކުވެރިކަން ވަރުގަދަ ނަމަވެސް، އިގްތިސާދީ ގުޅުން އަދިވެސް އޮތީ އެންމެ އެދެވޭ އުސްމިނަށް ނުފޯރައި ކަމަށެވެ. 

އެހެންކަމުން، އެ ހާލަތު ބަދަލުކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް އަޅުގަނޑު ދޭ ދައުވަތަކީ ވަރަށް ސާދާ ދައުވަތެއް؛ ރާއްޖެއަކީ ހަމައެކަނި މުދާ ވިއްކާލާ މާކެޓެއްގެ ގޮތުގައި ނުބައްލަވާ. ރާއްޖެއަކީ ގުޅިގެން ބިނާކުރާނެ ބައިވެރިއެއްގެ ގޮތުގައި ބައްލަވާ. ދިވެހި ވިޔަފާރިތަކާ އެކު ގުޅުންތައް ގާއިމުކޮށް، އަލަށް ކުރިއަރަމުން އަންނަ ސިނާއަތްތަކަށް އިންވެސްޓްކުރައްވާ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު އެއްބަސްވެވިފައިވާއިރު، މިއީ ހަމައެކަނި އަދަދުތަކެއް ނޫން ކަމަށާއި މިއީ ދެ ގައުމުގެ ރައްޔިތުންގެ ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.

"މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް". --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މާކެޓްގެ މުހިންމުކަން ބަޔާންކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި ބައި މިލިއަން މީހުންގެ ކުޑަ އާބާދީއެއް އޮތް ގައުމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ. 

އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ބައިނަލްއަގުވާމީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ. 

އެގޮތުން، ޕާކިސްތާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އާދައިގެ ގޮތެއްގައި ގަނެ ވިއްކުމުގެ ބަދަލުގައި، ކޯލްޑް ޗެއިން ލޮޖިސްޓިކްސް، ފިނިހޫނުމިން ކޮންޓްރޯލްކޮށްގެން މުދާ ރައްކާކުރާނެ ގުދަންތަކާއި، ޒަމާނީ ކާބޯތަކެތި ޕްރޮސެސްކުރުން އަދި މޫސުމަށް އެކަށޭނަ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓްމަންޓްތައް ގެނައުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ގައުމީ އެއާލައިން "މޯލްޑިވިއަން" އިން މާލެ އާއި ކަރާޗީއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަން ރައީސް އިއުލާންކުރެއްވި އެވެ. 

މީގެ އިތުރުން ކަނޑުމަގުން މުދާ އުފުލުމަކީ ރާއްޖެ ފަދަ ގައުމެއްގެ އިގްތިސާދީ ނާރެސްކަމަށް ސިފަކުރައްވައި، ޕާކިސްތާނާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުކުރާނެ އިތުބާރު ހުރި އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ޝިޕިން ލައިންތައް ގާއިމުކުރުމަށް ދެ ގައުމުގެ ލޮޖިސްޓިކްސް އަދި ޕޯޓް ކުންފުނިތަކަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

މީގެ އިތުރުން ވެސް ރާއްޖޭގައި އިންވެސްޓްކުރެވިދާނެ މުހިންމު ދާއިރާތަކެއް ރައީސް ފާހަގަކުރެއްވި އެވެ.

"މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް". --ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާއާއި ބޭސް އުފެއްދުން: ސަރަހައްދީ ޓާޝަރީ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ސިއްހީ ނިޒާމު ތަރައްގީކުރަމުންދާއިރު، އިތުބާރު ހުރި ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި ޕާކިސްތާނުގެ ފާމަސޫޓިކަލް ކުންފުނިތަކަށް ގިނަ ފުރުސަތުތައް އެބައޮތްކަން.

އުމްރާނީ ތަރައްގީއާއި ބިން ހިއްކުން: ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ބައިވެރިވުމަށް ޕާކިސްތާނުގެ ކޮންސްޓްރަކްޝަން، ޑިވެލޮޕްމަންޓް އަދި އިންޖިނިއަރިން ކުންފުނިތަކަށް ދައުވަތު ދެއްވި.

އިއާދަކުރަނިވި ހަކަތަ: ޑީސަލް އެތެރެކުރުމަށް ރާއްޖެއިން އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހޭދަކުރަންޖެހޭތީ، ސާފު ހަކަތައަށް ބަދަލުވުމަކީ މާލީ ގޮތުން މަޖުބޫރު ކަމެއް ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ 33 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް އިންވެސްޓްކުރުމުގެ ފުރުސަތު އޮތްކަން.

އިސްލާމިކް ފައިނޭންސް އަދި ހަލާލް ޓޫރިޒަމް: ޝަރީއާ ކޮމްޕްލަޔަންޓް އިންވެސްޓްމަންޓް އިންސްޓްރޫމެންޓްތަކާއި ސުކޫކް އަދި އިސްލާމިކް މާލީ ހިދުމަތްތައް ފުޅާކުރުމަށް ގުޅިގެން މަސައްކަތް ކުރުން.

"އަޅުގަނޑުމެންނަށް ވާރުތަވެފައި މިވަނީ 60 އަހަރުގެ ވަރުގަދަ ރަހުމަތްތެރިކަމެއް. ދެން އަޅުގަނޑުމެން ބިނާކުރަންވީ ކުރިއަށް އޮތް 60 އަހަރުގެ ފާގަތިކަމާއި ތަނަވަސްކަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މި ބިޒްނަސް ފޯރަމަކީ ހަމައެކަނި ހެޔޮއެދުމުގެ ބަސްތަކަކުން ނިންމާލާ ފޯރަމަކަށް ނުހަދައި، އިންވެސްޓްމަންޓްތަކާއި އަމަލީ ނަތީޖާ ނެރެދޭނެ ބައްދަލުވުމަކަށް ހެދުމަށް ދެ ގައުމުގެ ވިޔަފާރިވެރިންނަށް ގޮވާލައްވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.