ފެންބޮޑުވީ ބެކްއަޕެއް ނެތި ފެން ހިންދާ ޕަންޕުތައް ނެގުމުން: އާޒިމް

ޕަންޕުތައް ނެގީ މަގު ހެދުމުގެ މަޝްރޫއަށެވެ. ނަމަވެސް އެ ޕަންޕުތައް ނެގީ އެއްވެސް ބެކަޕް ޕްލޭނެއް ނެތި ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ފޮޓޯ: މިރާ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރޭ މާލޭގެ މަގުތަކުގައި ފެން ބޮޑުވީ މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ ފެން ހިންދާ ޕަންޕުތައް ކުއްލިއަކަށް ނެގުމުގެ ސަބަބުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާ މެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.

އެ މައްސަލައަކީ މިދިޔަ ދެ އަހަރެއްހާ ދުވަހު ކުރި ބުރަ މަސައްކަތުން ރަނގަޅު ހައްލެއް ހޯދާފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އަނެއްކާ ރޭ ރައްޔިތުން އެފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި މައްސަލަ މިހާ ބޮޑުވެގެން މިދިޔައީ މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ފެން ހިންދާ ޕަމްޕްތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ކުއްލިއަކަށް އެ ސަރަހައްދުތަކުން ނެގުމުގެ ސަބަބުން،" އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގެ ސްޓޯމް ވޯޓާ ސިސްޓަމް ބެލެހެއްޓުން އެކި މުއައްސަސާތަކުގެ މެދުގައި ބެހިފައި އޮތުމަކީ ވެސް މުޅި ނިޒާމު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް އާޒިމް ވިދާޅުވި އެވެ. 

މާލެ ސިޓީ ކައުންސިލުން އެދެނީ ފެން ހިންދާ ނިޒާމު އެއް ފުރާޅެއްގެ ދަށުން ހަރުދަނާކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން ކަމަށް އާޒިމް ވިދާޅުވި އެވެ. 

"ރައްޔިތުންނަށް މި ލިބޭ ތަކުލީފުތަކަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން މިހާރުން މިހާރަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން." އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި މާލޭގެ އިތުރުން ދެކުނު ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ. 

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް ތިން ދުވަހަކީ ވެސް އެފަދަ ގޮތަކަށް ބޯކޮށް ވިއްސާރަ ވެހޭނެ ދުވަސްތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.