އެ ގައުމުގެ ޒަރްދަރީ އާ އާ ބައްދަލު ކުރެއްވީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު "އައިވާން އީ ސަދްރު" ގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާ ރޭ ބައްދަލު ކުރައްވައިފި އެވެ.
ރައީސް މިވަގުތު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް އާ ބައްދަލު ކުރެއްވީ އެމަނިކުފާނުގެ ރަސްމީ ގަނޑުވަރު "އައިވާން އީ ސަދްރު" ގައެވެ.
އެ ބައްދަލުވުމުގައި ޒަރްދާރީ ވަނީ ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައި އެ ގައުމަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރަވައިފަ އެވެ.
ޒަރްދަރީ ވިދާޅުވީ މި ދަތުރުފުޅާއި ދެ ގައުމުން ސޮއި ކުރި އެއްބަސްވުންތަކުގެ ސަބަބުން ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ އުފާކުރާކަމަށް ވެސް ޒަރްދަރީ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެސް ވަނީ ޕާކިސްތާނުން އަދާ ކުރެއްވި މެހެމާންދާރީ އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމަށް ބައްލަވާލައްވައި ވިޔަފާރި އާއި ތައުލީމާއި ސިއްހީ އަދި ތަމްރީނުގެ ދާއިރާ އިން އިތުރަށް ގުޅުން ހަރުދަނާ ކުރެއްވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.