މި ކޯޕަރޭޝަނުން އިސްނަގައިގެން ހުޅުމާލޭ ޗެނަލް ޕާކު އޭރިއާއާއި ކުޑަގިރި 'ދޫނިޔާ ޑައިވް ރެކް' ގައި މުރަކަ އިންދައި އާލާކުރުމަށް ފަށާފައިވާ މަސައްކަތަށް ސީޑްސްގެ ފަރާތުން އެހީތެރިކަން ފޯރުދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރުންތައް އާލާކުރުމުގެ އިތުރުން އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް މި ކޯޕަރޭޝަނާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، މި ކޯޕަރޭޝަނާއި ސީޑްސް ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމާއި، އިޖްތިމާއީ އަދި ތައުލީމީ އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އެ ކުންފުނިން ބުނީ ހަމައެއާއެކު، މި ކޯޕަރޭޝަނުން އިސްނަގައިގެން ހުޅުމާލޭ ޗެނަލް ޕާކު އޭރިއާއާއި ކުޑަގިރި 'ދޫނިޔާ ޑައިވް ރެކް' ގައި މުރަކަ އިންދައި އާލާކުރުމަށް ފަށާފައިވާ މަސައްކަތަށް ސީޑްސްގެ ފަރާތުން އެހީތެރިކަން ފޯރުދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ. އޭގެ ތެރޭގައި ވޮލެންޓިއަރުން ބައިވެރިކުރުމާއި، ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ އެކި ހަރަކާތްތައް އެ ދެ ސަރަހައްދުގައި ކުރިއަށްގެންދިއުން ހިމެނެއެވެ.
މި ކޯޕަރޭޝަންގެ އަމާޒަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީކޮށް، ހުޅުމާލޭގެ ފަޅާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.