އޭނާ ހައްޔަރު ކުރީ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވައި ހިތްވަރު ދިން މައްސަލާގައި

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލައި ހިތްވަރު ދިން މައްސަލާގައި ހައްޔަރު ކުރި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުވަމުލަކުގައި ހުއްޓާ ހައްޔަރު ކުރި ޒިހާންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް މިއަދު ޖަހާފައި ވަނީ ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުންނެވެ.
އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓްގެ މަގާމްގައި ވެސް ހުންނެވި ޒިހާން އޭނާގެ ފޭސްބުކްގައި ވަނީ ދައުލަތުގެ އިމާރާތްތަކުގައި އިލާފަން ނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައިފަ އެވެ. އަދި އެކަން ކުރުމަށް ވަނީ ހިތްވަރު ދީފަ އެވެ.
ނަމަވެސް އެ ސްޓޭޓަސް ޖެހުމަށް ފަހު ގަޑިއިރެއް ތެރޭގައި އޭނާ އެ ޕޯސްޓުތައް ޑިލީޓު ކުރި އެވެ.
އޭނާ އެމްއެންޑީއެފް އިން ވަކި ކުރީ 2023 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމް ދިނުމަށް ފަހު ވެސް އޭނާ އެ މަގާމުން ވަކި ކުރި އެވެ.