ރަށު ކައުންސިލަރުންނަށް 5،000ރ. އިތުރު ސާވިސް އެލަވަންސެއް ދޭން ވެސް މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަރުކާރުގެ ވަޒީރުން އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވީ ތިން ކަމެކެވެ. އެއީ މަޖިލީހުގެ ރައީސަށް އިތުރު އެލަވަންސެއް ހަމަޖެއްސުމާއި ސަރުކާރުގެ ވަޒީރުންނަށް ކާރު އެލަވަންސް ބޮޑު ކުރުން އަދި ރަށު ކައުންސިލަރުންނަށް އިތުރު އެލަވަންސެއް ދިނުމަށެވެ.
އެ ހުށަހެޅުންތަކަށް ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.
އިދާރީ މޭޒުން ކޮމިޓީއަށް ހުށަހެޅި ކަރުދާހުގައި ބުނެފައިވާ ގޮތުން މަޖިލިސް ރައީސްގެ މުސާރަ ބޮޑު ކުރަން ނިންމާފައި ވަނީ މަޖިލިސް ރައީސަށް ލިބޭ ޖުމްލަ މުސާރަ މަޖިލީހުގެ ނައިބު ރައީސާއި އާންމު މެންބަރުންނަށް ވުރެ ކުޑަ ވުމެވެ. މަޖިލީހުގެ ނައިބު ރައީސަށް މިހާރު ލިބެނީ 91،000ރ. އެވެ. އަދި މެންބަރުންނަށް ލިބެނީ 82،500ރ. އެވެ.
ވަޒީރުންގެ މުސާރަ ބޮޑު ކުރާ ސަބަބެއް ކަމުގައި ބުނެފައި ވަނީ މި ފަހުން ސަރުކާރުން މުސާރަތައް މުރާޖާ ކުރިއިރު މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މެންބަރުންނަށް މިހާރު 91،000ރ. އާއި 81،000ރ. ދެމެދުގެ މުސާރައެއް ލިބޭތީ ވަޒީރުންގެ މުސާރަ އެއް ހަމަކުރުމުގެ ގޮތުންނެވެ.