މުޅި ރާއްޖެއަށް، ވަކިން ހާއްސަކޮށް ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ގއ. އަދި ގދ. ގެ ރަށްތަކަށް ދަނީ ރެއިން ފެށިގެން މެދުނުކެނޑި ވާރޭ ވެހެމުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ފިޔޯރީގައި ފެންބޮޑުވެ، 90 ޕަސެންޓް ގެތަކަށް ފެން ވަދެއްޖެ އެވެ.
މުޅި ރާއްޖެއަށް، ވަކިން ހާއްސަކޮށް ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ގއ. އަދި ގދ. ގެ ރަށްތަކަށް ދަނީ ރެއިން ފެށިގެން މެދުނުކެނޑި ވާރޭ ވެހެމުންނެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން މިއަދު ބުނީ، ރޭ ދަންވަރު 1:30 އިން ފެށިގެން ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ 90 ޕަސެންޓް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ.
"ނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާވެފައެއް ނުވޭ،" އެންޑީއެމްއޭ އިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ މިވަގުތު ރަށު ކައުންސިލުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފިޔޯރީ ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުންދާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އޮތީ ގއ. އަދި ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އޭގެއިތުރުން، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.