މިމަހުގެ 25 އިން ފެށިގެން މުޅި ވިންޓަ ސީޒަނުގައި ޓާމިނަލް 2 އިން ޗެކްއިން ހިދުމަތް ދިނުމަށް ބަދަލުވާނެ އެވެ.

ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް (ވީ.އައި.އޭ) ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް މި ކުންފުނިންވަނީ ނިންމާފަ އެވެ.
މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީ.އައި.އޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ޚިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ޤާއިމްކުރެވިގެންދާނެއެވެ.
މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މުޅި ވިންޓަ ސީޒަނުގައި ޓާމިނަލް 2 އިން ޗެކްއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ނިއޯސް އާއި އޭރޯފްލޮޓް ޔޫއެސް-ބަންގަލާ އެއާލައިންސް، އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ ރަޝިޔާގެ އަޒުރް އެއާ ސައިބީރިއާގެ އެސް ސެވަން އެއަރލައިންސް އާއި އަރުމީނިއާގެ ޝިރަކް އަދި އަވިއާ ކުވައިތު އެއާވޭސް އަދި ބަލްގޭރިއާގެ ގުލިވް އެއާގެ އިތުރުން ފްރެންޗް ބީ ހިމެނެ އެވެ.
ކުރިން ބައިނަލްއަޤްވާމީ އުދުހުންތަކަށް ހާއްސަކުރެވިފައި އޮތް ޓާމިނަލް 2 ގެ ފެންވަރު މަތިކޮށް ޒަމާނީ ބަދަލުތަކަކާއެކު އަލުން 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު ޚިދުމަތް ދޭން ފަށާފައިވެ އެވެ. އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް މިހާރު ފޯރުކޮށްދެވެމުން އަންނަނީ މި ޓާމިނަލްއިންނެވެ.
މި ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ފުރުސަތުތަކާއި ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަޙައްދެއް ވަނީ ޤާއިމުކުރެވިފައިވާނެ އެވެ. މި 10 އެއާލައިނުން ފުރާ ދަތުރުވެރިން، ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ވަޑައިގަތުމަށާއި ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގެންދެއްވުމަށް އެންމެހާ ފަސިންޖަރުންނަށް އިލްތިމާސްކުރެއެވެ. ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ސިނާޢަތް ފުޅާވަމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ދަތުރުވެރިންނަށް ވެސް އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެމް.އޭ.ސީ.އެލް ދެމިއޮންނާނެއެވެ.