ދެން ގަރާރަށް ވެސް އަމަލު ކުރާނީ ކުއްލި މައްސަލަތަކަށް އަމަލު ކުރާ އުސޫލުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތައް ބަލައިގަންނަން ފާސް ނުވަނީސް ބަހުސް ނުކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރަން އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގައި އާންމުކޮށް ގަރާރަކަށް އަމަލު ކުރަނީ ބިލަކާ މެދު އަމަލު ކުރާ އުސޫލުންނެވެ. އެގޮތުން ފުރަތަމަ ކިޔުން އިއްވުމަށް ފަހު މަޖިލީހުގެ ތަޅުމުގައި އެ ގަރާރަކަށް ބަހުސް ކުރާނެ އެވެ. އަދި އެ ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ބަހުސް ނިމުމަށް ފަހު އެވެ.
ނަމަވެސް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ވަނީ މަޖިލީހުގެ ގަވާއިދު 191 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހަޅައިފަ އެވެ.
އެގޮތުން އޭނާ އިތުރު ކުރަން ހުށަހެޅު އަކުރުގައި ބުނާ ގޮތުން ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ ބަހުސް ފެށުމުގެ ކުރިންނެވެ. އަދި ގަރާރު ބަލައިގަންނަން ފާސްވެއްޖެނަމަ އެ ގަރާރާ ގުޅޭ ކޮމިޓީއަކަށް ދާނެ އެވެ. އަދި ފާސް ނުވެއްޖެ ނަމަ ގަރާރު ބާތިލް ވާނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރަށް ބަހުސްކުރުމެއް ނޯންނާނެ އެވެ.
އެއީ އާންމުކޮށް މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކާ މެދު އަމަލު ކުރާ ގޮތެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން އެ މައްސަލަތަކަށް ބަހުސް ނުކޮށް ވަގުތު ބޭރު ކޮށްލަ އެވެ. އެހެންވެ މަޖިލީހުގެ މައިނޯރިޓީން މިހާރު ގިނަ މައްސަލަތައް ހުށަހަޅަނީ ގަރާރެއް ގޮތުގަ އެވެ. ސަބަބަކީ އެ މައްސަލަތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމުގެ ފުރުސަތު ލިބޭތީ އެވެ.
އެ ގޮތް ބަދަލު ކުރުމަށް އާންމު ކޮމިޓީގެ އިއްތިފާގުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.