ރަސްމާލޭގެ މެރީނާ އަދި ވޯޓާފްރަންޓް މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމުގެ ބިމުން ބައެއް ބޭރު މީހުންނަށް ދާއިމީކޮށް މިލްކުކޮށްދީ، ރާއްޖޭގެ އާބާދީގެ ތަރުތީބު ގެއްލިގެންދާނެ ކަމެއް ނޫންކަން ދުނިޔޭގެ ތަޖުރިބާއިން ސާބިތުވެ އެވެ.

ދިވެހިރާއްޖޭގެ ތާރީހުގައި ހިންގޭ ބޯހިޔާވަހިކަމާއި އިޤްތިޞާދީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ މެރީނާ އަދި ވޯޓާފްރަންޓް ސަރަހައްދުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު، އާންމުންގެ މެދުގައި ބޮޑު ބަހުސެއް އުފެދެއެވެ. އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދޭ އެއް ސުވާލަކީ، ބައިނަލްއަގުވާމީ ފަރާތްތަކަށް މި މަޝްރޫޢުން ލަގްޒަރީ ރިއަލް އެސްޓޭޓް ޔުނިޓްތައް ވިއްކުމުން، އެ މީހުން އެތަނުގައި ދާއިމީކޮށް ދިރިއުޅެން ފަށައި، ރާއްޖޭގެ އާބާދީގެ ނިސްބަތާއި އިޖުތިމާއީ ފޭރާމަށް ބޮޑު ބަދަލެއް އަތުވެދާނެތޯ އެވެ؟
މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ބަލަންޖެހެނީ ހަމައެކަނި ސިޔާސީ ކުލަޖެހިގެން އުފައްދާ ބިރުވެރިކަމަކަށް ނޫނެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ބައިނަލްއަގުވާމީ މެރީނާތަކާއި ވޯޓާފްރަންޓް ރިއަލް އެސްޓޭޓް ވިއްކުމުން އަމަލީ ގޮތުން ކަން ހިނގާފައިވާ ގޮތުގެ ތަފާސްހިސާބުތަކަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގައިމުކޮށްފައިވާ އައިލެންޑް މެރީނާ މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިފަދަ ޔުނިޓްތައް ބޭރުގެ މުއްސަނދި އިންވެސްޓަރުން ގަންނަނީ އެ ގައުމުތަކުގައި ދާއިމީކޮށް ވަޒަންވެރިވާކަށް ނޫނެވެ. މިފަދަ މަޝްރޫއުތަކުން ޔުނިޓް ގަންނަ ބޭރުގެ ފަރާތްތައް މައިގަނޑު ގޮތެއްގައި ބެހިގެންދަނީ މައިގަނޑު ތިން ބަޔަކަށެވެ:

ސީޒަނަލް ވިސިޓަރުން ނުވަތަ ޗުއްޓީ ހޭދަކުރާ ފަރާތްތައް (40 ޕަސެންޓު): އަހަރަކު އެންމެ 4 އާއި 8 ހަފްތާއާ ދެމެދުގެ މުއްދަތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަރާތްތައް.
ޕިއޯ އިންވެސްޓަރުން (40 ޕަސެންޓު): ޔުނިޓް ގަތުމަށްފަހު، ބައިނަލްއަޤްވާމީ ލަގްޒަރީ ހޮޓެލް އޮޕަރޭޓަރުންގެ ދަށުން ހިންގާ "ރެންޓަލް ޕޫލް" ތަކަށް ދޫކޮށްލައިގެން، މަތީ ފެންވަރުގެ ޓޫރިސްޓުންނަށް ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތްތައް.
ދާއިމީ ނުވަތަ ގިނަ ދުވަހު އުޅޭ ފަރާތްތައް (20 ޕަސެންޓަށް ވުރެ ދަށް): ގައުމުގައި އަހަރަކު 6 މަހަށް ވުރެ ގިނަ ދުވަހު މަޑުކުރާ ނިސްބަތަކީ އެވްރެޖްކޮށް 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.
ރާއްޖޭގެ ރަސްމާލެ މެރީނާއާ އެންމެ ބޮޑަށް އަޅާކިޔޭ އެއް މޮޑެލަކީ ސީޝެލްސްގެ އީޑަން އައިލެންޑް އެވެ.
ސީޝެލްސްގެ ވެރިރަށް ކައިރިން ހިއްކައިގެން ހެދި މި ލަގްޒަރީ މެރީނާ އައިލެންޑުން ވިއްކި އެތައް ސަތޭކަ ވިލާތަކާއި އެޕާޓްމަންޓްތައް ގަތީ ޔޫރަޕާއި ދެކުނު އެފްރިކާގެ މުއްސަނދިންނެވެ. ޔުނިޓް ގަތުމުން އެ ގައުމުން ރެސިޑެންސް ޕާމިޓް ދިން ނަމަވެސް، ހަގީގަތުގައި އެތަނުގައި ދާއިމީކޮށް ދިރިއުޅެނީ 18 ޕަސެންޓަށް ވުރެ މަދު ބައެކެވެ.
ވެރިފަރާތްތައް އަހަރަކު އެވްރެޖްކޮށް އެތަނުގައި ހޭދަކުރަނީ އެންމެ 4 އާއި 8 ހަފްތާ އެވެ. އަހަރުގެ ބާކީ އޮންނަ 10 މަސްދުވަހު އެ ތަންތަން ހިންގަނީ ޓޫރިސްޓުންނަށް ކުއްޔަށް ދޭ ރިސޯޓް އެކޮމޮޑޭޝަންތަކެއްގެ ގޮތުގަ އެވެ.

އެޑްރިއަޓިކް ކަނޑުގެ އައްސޭރީގައި އޮންނަ ޕޯޓޯ މޮންޓެނީގްރޯ އަށް ބެލި ނަމަވެސް ފެންނަނީ ހަމަ މި މަންޒަރެވެ. ޔޮޓްތަކަށް ހާއްސަ މި މެރީނާގެ ޔުނިޓްތަކުގެ ވެރިން އެތަނުގައި ހޭދަކުރަނީ ހޫނު މޫސުމުގެ 2 ނުވަތަ 3 މަސް ދުވަހެވެ. ފިނި މޫސުމުގައި އެ ސިޓީ އޮންނަނީ ގާތްގަނޑަކަށް ހުސްކޮށެވެ. ދާއިމީކޮށް ދިރިއުޅޭ ރޭޓް އުޅެނީ 25 ޕަސެންޓުގަ އެވެ.
ކެރީބިއަންގެ ބަހާމާސްގެ އަލްބަނީ ފަދަ މަތީ ފަންތީގެ މެރީނާ ކޮމިއުނިޓީތަކުގައި ވެސް ބޭރު މީހުން ހޭދަކުރަނީ އަހަރަކު 30 އާއި 90 ދުވަހާ ދެމެދުގެ މުއްދަތެކެވެ. އެއީ ހަމައެކަނި ޓެކްސް އިމްތިޔާޒުތަކަށް ބޭނުންވާ އެންމެ ދަށް މިންވަރު ފުރިހަމަކޮށްލުމަށެވެ.
ބޭރު ގައުމުތަކުގެ މީހުން މިފަދަ މަޝްރޫއުތަކަށް އާއިލާތަކާއެކު ދާއިމީކޮށް ބަދަލުނުވާ ސަބަބުތައް ވަރަށް ސާފެވެ.
ގާނޫނީ އޮނިގަނޑާއި އިމްތިޔާޒުތައް: ޓޫރިޒަމް ނުވަތަ ކޮމާޝަލް ބިމެއްގެ ލީސްހޯލްޑް ޔުނިޓެއް ގަތުމަކީ އެ ގައުމެއްގެ ރައްޔިތުކަން ލިބޭނެ ކަމެއް ނޫނެވެ. އަދި ވޯޓުލުމުގެ ހައްގެއް ނުވަތަ ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ހައްގުތަކެއް ވެސް ނުލިބޭނެ އެވެ.
ބްރޭންޑެޑް ރެންޓަލް މޮޑެލް: ރަސްމާލެ މެރީނާގެ ޔުނިޓްތަކުގެ 70 ޕަސެންޓަށް ވުރެ ބޮޑުބައި އޮޕަރޭޓްކުރާނީ ބައިނަލްއަގުވާމީ ލަގްޒަރީ ބްރޭންޑްތަކުންނެވެ. ވެރިފަރާތަށް ލިބޭނީ އަހަރަކު މަދު ހަފްތާތަކެއްގެ ޗުއްޓީ އެވެ. ބާކީ މުއްދަތުގައި އެއީ ޑޮލަރުން އާމްދަނީ ވަންނަ ޓޫރިސްޓް ވިލާތަކެކެވެ.
އާބާދީގެ މާހައުލު: އާއިލާއަކުން އެހެން ގައުމަކަށް އެއްކޮށް ބަދަލުވާން ބޭނުންވަނީ ވަރުގަދަ ބައިނަލްއަގުވާމީ ސްކޫލްތަކާއި، ސްޕެޝަލައިޒްޑް ހޮސްޕިޓަލްތަކާއި، ބޮޑެތި މަލްޓިނޭޝަނަލް ކޯޕަރޭޓް ވަޒީފާގެ ބާޒާރެކެވެ. ދުބާއީ ފަދަ ބޮޑެތި ސިޓީތަކުގައި ދާއިމީކޮށް ދިރިއުޅުން ބަދަލުކުރަން ބޭނުންވަނީ އެ ސަބަބާ ހުރެ އެވެ. ނަމަވެސް އައިލެންޑް މެރީނާތަކަކީ އަބަދުވެސް ޗުއްޓީ ހޭދަކުރާ މަންޒިލްތަކެކެވެ.
ރަސްމާލޭގެ މެރީނާ އަދި ވޯޓާފްރަންޓް މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމުގެ ބިމުން ބައެއް ބޭރު މީހުންނަށް ދާއިމީކޮށް މިލްކުކޮށްދީ، ރާއްޖޭގެ އާބާދީގެ ތަރުތީބު ގެއްލިގެންދާނެ ކަމެއް ނޫންކަން ދުނިޔޭގެ ތަޖުރިބާއިން ސާބިތުވެ އެވެ.
އޭގެ ބަދަލުގައި، މިއީ މިހާރު ހިންގާ ރިސޯޓް މޮޑެލް އިތުރަށް ފުޅާކުރުމެކެވެ. ބޭރުގެ އިންވެސްޓަރުންގެ ފައިސާ ދިވެހި އިގްތިސާދަށް ގެނެސް، މުޅި އަހަރު ދުވަހު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެ ގެނެސްދޭނެ ވަސީލަތެކެވެ.
ލިބޭ ޓެކްސް އާމްދަނީ އާއި އިގްތިސާދީ ހަރަކާތްތައް އިތުރުވެގެންދާއިރު، ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ އިޖުތިމާއީ މަސްލަހަތަށް އޮތް އެއްވެސް ބިރެއް ނެތެވެ.
ރަސްމާލެ ވޯޓާފްރަންޓް ވެގެންދާނީ ބޭރު މީހުން ދާއިމީކޮށް އާބާދުވާ ރަށަކަށް ނޫނެވެ؛ ރާއްޖޭގެ ޓޫރިޒަމާއި އިގްތިސާދަށް އިންގިލާބީ ދިރުމެއް ގެނެސްދޭނެ މާލީ އިންޖީނަކަށެވެ.