ތެލަސީމިއާ ކޭސްތަކުގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ގޮސް 2009 ވަނަ އަހަރު ހުރި 694 އިން 2025 ވަނަ އަހަރުގެ ނިޔަލަށް ވަނީ 974 އަށް އަރާފަ އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތުގެ ދާއިރާ ފުޅާވަމުންދާއިރު، މިދިޔަ 17 އަހަރުތެރޭގައި ރާއްޖޭގައި ތެލެސީމިއާ ބަލި ކުދިންގެ އަދަދު 900 ޕަސެންޓަށްވުރެ މައްޗަށް އުފުލިއްޖެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ރަޖިސްޓްރީ ކުރެވިފައިވާ ތެލަސީމިއާ ކޭސްތަކުގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ގޮސް 2009 ވަނަ އަހަރު ހުރި 694 އިން 2025 ވަނަ އަހަރުގެ ނިޔަލަށް ވަނީ 974 އަށް އަރާފަ އެވެ. މީގެ ތެރެއިން 2025 ވަނަ އަހަރު އަލަށް 11 ތެލަސީމިއާ ކޭސް ރެޖިސްޓްރީ ކުރެވުނެވެ. ނަމަވެސް މިއީ 2024 ގައި މި ބަލި އިތުރުވި 18 ކުދިންނާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ އަދަދު ވަނީ 2009 ވަނަ އަހަރު ހުރި 204 އިން 2025 ވަނަ އަހަރާ ހަމައަށް އައިއިރު 883 އަށް އިތުރުވެފަ އެވެ. އަދި އަތޮޅުތެރޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ އަދަދު 322 އިން 756 އަށް ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ އެނދުގެ އަދަދު 2010 ވަނަ އަހަރު ހުރި 271 އިން 2025 ވަނަ އަހަރުގެ ނިޔަލަށް 537 އަށް ވަނީ އިތުރުވެފަ އެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެވުނު ބަލިމީހުންގެ އަދަދު 2019 ވަނަ އަހަރު 15,771 ގައި ހުރުމަށްފަހު، ކޯވިޑް-19 ގެ ދުވަސްވަރު (2020 އަދި 2021) މަތި ވެގެން ދިޔައެވެ. ނަމަވެސް 2025 ވަނަ އަހަރު މި އަދަދު ވަނީ 15,509 އަށް އަލުން އިތުރުވެފަ އެވެ. ބަލި މީހުން ހޮސްޕިޓަލުގައި ހޭދަކުރާ އެވްރެޖް މުއްދަތަކީ 5.6 ދުވަހެވެ.
ތެލެސީމިއާ ބަލި ކުދިންގެ އަދަދު އިތުރުވިއިރު، ސަރުކާރުން ވަނީ މި ބަލައި ހުންނަ ކުދިންނަށް ދޭ އެހީތެރިކަންވެސް ފުޅާކޮށްފަ އެވެ. އެގޮތުން ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް މިދިޔަ މަހު ވަނީ ޖަމާކޮށްފަ އެވެ.