ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވައިލި ޒިހާން ހައްޔަރުކުރީ ފުވައްމުލަކުގައި ހުއްޓައިކަން އެނގިފައިވޭ.

ދައުލަތުގެ ތިން ބާރު އެކުލެވިގެންވާ އިދާރާތެއްގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ހައްޔަރުކޮށްފި އެވެ.
ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވައިލި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރުކުރީ ފުވައްމުލަކުގައި ހުއްޓައިކަން އެނގިފައިވެ އެވެ.
ސޯޝަލް މީޑިއާގައި ޒިހާން ކުރި ކޮމެންޓެއްގައި ވަނީ އެ އިދާރާތަކުގައި ހުޅުޖަހަން އަހަރުމެންނަށް ނުލިބެނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ. އެކަން އެގޮތަށް ކޮށްފިއްޔާ "ވަރަށް މަޖާވާނެ" ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާ އެ ކޮމެންޓް ކޮށްފައި ވަނީ އަލްބޭނިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި، އެ ގައުމުގެ ސުޕްރީމް ކޯޓުގައި ހުޅުޖެހި މައްސަލައަށް ރިއާޔަތްކޮށެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ ކޮމެންޓް ލިބިފައިވާތީ، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ނަމަވެސް، އެކަން ސަމާލުކަމަށް އައުމާއެކު، ގަޑިއިރެއް ފަހުން ޒިހާން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.