ރަސްމާލޭ: އެއް ގައުމެއްގެ ރައްޔިތުންނަށް ގަނެވޭނީ ގިނަވެގެން 25 ޕަސެންޓު؛ ދިވެހިންނަށް އެއްވެސް ލިމިޓެއް ނެތް

އެ މަނިކުފާނު ވިދާޅުވީ، ރަސްމާލޭން ބޭރު މީހުންނަށް ޕްރޮޕަޓީ ވިއްކާ އުސޫލުތައް އެކުލަވާލާއިރު، އެއް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސެންޓުގެ ކެޕެއް ކަނޑައެޅޭނެ ކަމަށެވެ.

ރައީސް މުއިއްޒު "ދަ ޕަލްސް" ޕޮޑްކާސްޓްގައި. --ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ވިއްކާ ޕްރޮޕަޓީތަކުގެ ތެރެއިން އެއް ގައުމެއްގެ ބަޔަކަށް 25 ޕަސެންޓަށްވުރެ ބޮޑުބައެއް ނުގަނެވޭނެ ގޮތަށް ގާނޫނީ އިންތަކެއް ކަނޑައަޅާނެ ކަމަށާއި، ނަމަވެސް އެ މަޝްރޫއުން ޕްރޮޕަޓީ ގަތުމުގައި ދިވެހި ރައްޔިތުންނަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕޮޑްކާސްޓްގައި ރަސްމާލެ މަޝްރޫއު އާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން އުފައްދަމުންދާ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ. 

އެ މަނިކުފާނު ވިދާޅުވީ، ރަސްމާލޭން ބޭރު މީހުންނަށް ޕްރޮޕަޓީ ވިއްކާ އުސޫލުތައް އެކުލަވާލާއިރު، އެއް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސެންޓުގެ ކެޕެއް ކަނޑައެޅޭނެ ކަމަށެވެ. 

އެއާ ހިލާފަށް ދިވެހި ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި ހުރިހާ ޕްރޮޕަޓީއެއްވެސް ގަތުމުގެ އިހުތިޔާރު އޮންނާނެ ކަމަށާއި، ދިވެހިންނަށް އެއްވެސް ހުރަހެއް އަދި ހިފެހެއްޓުމެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހިން މި ތަންތަން ގަތުމަށްފަހު އަނބުރާ ދިވެހި ސަރުކާރަށް ވިއްކާލި ނަމަވެސް، ސަރުކާރުންވެސް އެ ތަންތަން އަލުން ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގޭނެ ކަމަށެވެ. އަދި މި އިންތަކާއި ހިފެހެއްޓުންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތަކާއި، މަޝްރޫއުގެ އެއްބަސްވުންތަކުގައި ސާފުކޮށް ބަޔާންކުރެވިފައި އޮންނާނެ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އަގުތަކާއި މާކެޓް: ދިވެހި މެދުފަންތިއަށް ފުރުސަތު އެބައޮތް

ރަސްމާލޭގެ ޕްރޮޕަޓީތަކުގެ އަގުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިސާލަކަށް 1،000 އަކަފޫޓުގެ ޕްރޮޕަޓީއެއް ވިއްކަނީ ގާތްގަނޑަކަށް 600،000 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 9.2 މިލިއަން ރުފިޔާ) ކަމަށެވެ.

މިއަދު ރާއްޖޭގެ މެދުފަންތީގެ ގިނަ ރައްޔިތުންނާއި މެދުފަންތިން މަތީ ފަންތީގެ އެތައް ރައްޔިތުންނަކީ މިވަރުގެ ޕްރޮޕަޓީ ގަނެވޭ ފެންވަރުގެ އާމްދަނީ ލިބޭ ފަރާތްތައް ކަމަށާއި، އެހެންކަމުން މި ތަންތަން ގަތުމުގެ ފުރިހަމަ ގާބިލުކަން ދިވެހިންގެ އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، މިހާރުވެސް މި މަޝްރޫއުން ޕްރޮޕަޓީ ގަތުމަށް އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުން އަންނަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ނުވަތަ މެދުއިރުމަތީގެ އަރަބި އިސްލާމީ ގައުމުތަކުގެ ފަރާތްތަކުން ކަމަށާއި، އެހެންކަމުން އެތަނުގައި ތިބޭނީ ދިވެހި ރައްޔިތުންނާއި އަރަބި މުސްލިމުން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އިޒްރޭލު މީހުންނަށް ޕްރޮޕަޓީ ގަތުން ގާނޫނުން މަނާވާނެ

އިދިކޮޅު ފަރާތްތަކުން މަޝްރޫއާ ދެކޮޅަށް ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އިޒްރޭލުގެ ރައްޔިތަކަށް މި މަޝްރޫއުން އެއްވެސް ޕްރޮޕަޓީއެއް ހޯދުމަކީ ގާނޫނުން މުޅިން މަނާވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމާ ގުޅުވައިގެން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ނިންމި ނިންމުމާއި، ސްކޫލްތަކުގައި ގައުމިއްޔަތު ކިޔަވައިދޭން ފެށިކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއު ފަރުމާކުރެވެނީ ރާއްޖޭގެ އައިޑެންޓިޓީއާއި، އިޖްތިމާއީ ފޭރާމާއި، ގަބޫލުކުރާ އިސްލާމީ އުސޫލުތައް ފުރިހަމައަށް ހިމާޔަތްކުރެވޭނެ ގޮތަށް ކަމަށެވެ.

އަދި ސިޔާސީ ބޭނުމަށްޓަކައި ބުއްދި ގަބޫލުނުކުރެވޭ ދަށު ދަރަޖައިގެ ވާހަކަތައް ދައްކައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އިދިކޮޅުން ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށާއި، މަޖިލީހަށް ގާނޫނު ފޮނުވުމުން މި ހުރިހާ ހިމާޔަތްތަކެއް ސާފުކޮށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.