އަދި ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށާއި، މިއީ ޓެކްސް މާފުކުރެވޭ މަޝްރޫއެއް ނޫންކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރަސްމާލޭގައި ޔޫއޭއީގެ އީގަލްސް ހިލްސް ކުންފުނިން ހިންގާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށާއި، މި މަޝްރޫއުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވަނީ މިއީ ދިވެހި އިގްތިސޯދުގެ މިސްރާބު ބަދަލުކޮށްލާނެ، އަދި ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއްކަން ފާހަގަކުރައްވައި، އިދިކޮޅު ފަރާތްތަކުން މި މަޝްރޫއާ ގުޅިގެން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
އެގޮތުން، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގާނޫނުގެ ދަށުން ބޭރު މީހަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށާއި، ބިން ދޫކުރެވޭނީ ހަމައެކަނި ކުއްޔަށް ކަމަށެވެ. އަދި އިޒްރޭލުގެ ރައްޔިތުންނަށް އެތަނުން އެއްވެސް ޕްރޮޕަޓީއެއް ގަތުން ގާނޫނުން މަނާވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
ދައުލަތަށް ގެއްލުންވާ ގޮތަށް ބިން ދޫކުރާކަމަށް ބުނެ، ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޑިވެލޮޕަރަށް ބިން ދޫކުރަނީ ހިލޭ ނޫން ކަމަށާއި، އޭގެ ބަދަލުގައި އެޑްވާންސްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ އަގުހުރި 5،000 ހައުސިން ޔުނިޓް ދައުލަތަށް ލިބޭނެ ކަމަށެވެ.
އަދި ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށާއި، މިއީ ޓެކްސް މާފުކުރެވޭ މަޝްރޫއެއް ނޫންކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމެއްގައި، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށެވެ.
ނަމަވެސް ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދާނީ ދިވެހިންގެ ދީނީ އަދި ގައުމީ އައިޑެންޓިޓީ ފުރިހަމައަށް ޙިމާޔަތްކުރެވި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައިކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.
ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި މަޝްރޫއު ފުރިހަމަ އަށް ނިމިގެން ދާއިރު އަހަރަކު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރަސްމާލެ އަށް ޒިޔާރާތް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން އެ ދާއިރާ އިން ވެސް އަހަރަކު ދެ ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.