މި މަގުބައްތިތަކަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.

"ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" ގެ މަޝްރޫއުގެ ދަށުން، އެ ގައުމުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި އެވެ.
ޗައިނާ ސަރުކާރުން ހަދިޔާކުރި މަގުބައްތިތަކާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މި މަގުބައްތިތަކަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ސޯލާ މަގުބައްތިތަކެއް ކަމަށެވެ.
މީގެ ކުރިން ވެސް ޗައިނާއިން ރާއްޖެއަށް ވަނީ ސޯލާ މަގުބައްތިތަކެއް ހަދިޔާކޮށްފަ އެވެ. އެ ތަކެތި ރާއްޖޭގެ ތިން ރަށެއްގައި ހަރުކޮށްފައިވާއިރު، މިފަހަރު ހަދިޔާކުރާ މަގުބައްތިތަކާއިއެކު އިތުރު ރަށްރަށުގައި މަގުބައްތިތައް ހަރުކުރެވި އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކާމިޔާބީ ލިބޭނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވެފައިވެ އެވެ.