ޕޯސްޓް-ޕެއިޑް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 71,803 އިން 230,613 އަށް އިތުރުވެފައިވާއިރު، ޕްރީ-ޕެއިޑް ކަސްޓަމަރުންގެ އަދަދު 422,548 އިން 596,002 އަށް ވަނީ އިތުރުވެފަ އެވެ.

މިދިޔަ 15 އަހަރުތެރޭ، ރާއްޖޭގައި އިންޓަނެޓް ބޭނުންކާ މިންވަރު 65 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން 2010 އިން 2025 އަށް މުވާސަލާތީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާއެކު ރައްޔިތުން މުވާސަލާތުކުރާ ގޮތަށް ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފަ އެވެ. އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވެނީ އިންޓަނެޓް ބޭނުންކުރާ މިންވަރުންނެވެ.
މި މައުލޫމާތުތަކުން އެނގޭ ގޮތުގައި 2010 ވަނަ އަހަރު ޖުމްލަ އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު 37,704 ގައި ހުރިއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 450,015 އަށް ބޮޑު ތަނުން އިތުރުވެފަ އެވެ. މީގެ އިތުރުން މޯބައިލް ބްރޯޑްބޭންޑް ބޭނުންކުރާ އަދަދު 2012 ވަނަ އަހަރު 26 ޕަސެންޓްގައި ހުރުމަށްފަހު، 2025 ވަނަ އަހަރު ވަނީ 65 ޕަސެންޓްއަށް އިތުރުވެފަ އެވެ.
މި މުއްދަތުގައި އިންޓަނެޓާއި އެޕްލިކޭޝަންތައް މެދުވެރިކޮށް ގުޅާ މިންވަރު އިތުރުވުމުގެ ސަބަބުން، އާދައިގެ ފޯނު ކޯލުތަކަށް ވަނީ އަސަރުކޮށްފަ އެވެ. ޚާއްސަކޮށް ބޭރު ގައުމުތަކަށް ކުރާ ކޯލުތައް ނުވަތަ އިންޓަނޭޝަނަލް ޓެލެފޯން ކޯލްސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން 2010 ވަނަ އަހަރު 135,384 ('000 މިނެޓު) ބޭނުންކޮށްފައިވާއިރު 2025 ވަނަ އަހަރު މި އަދަދު ވަނީ 16,841 އަށް ވެއްޓިފަ އެވެ. ހަމައެއާއެކު ފިކްސްޑް ޓެލެފޯން ލައިންތަކުގެ އަދަދު ވެސް 48,019 އިން 11,102 އަށް ވަނީ މަދުވެފަ އެވެ.
މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ އަދަދަށް ބަލާއިރު، 2010 ވަނަ އަހަރުގެ 494,351 މީހުން ފޯނު ބޭނުން ކުރިނަމަވެސް 2025 ވަނަ އަހަރު މި އަދަދު ވަނީ 826,615 އަށް އިތުރުވެފަ އެވެ. މީގެ ތެރެއިން ޕޯސްޓް-ޕެއިޑް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 71,803 އިން 230,613 އަށް އިތުރުވެފައިވާއިރު، ޕްރީ-ޕެއިޑް ކަސްޓަމަރުންގެ އަދަދު 422,548 އިން 596,002 އަށް ވަނީ އިތުރުވެފަ އެވެ.