މެންބަރުންނަށް ބޮޑު އިންޝޫރެންސް ދިނުން މެންބަރުންނަށް ގޯހެއް ނުވި

އިންޝޫރެންސް ހުއްޓުވަން 7000 އަށް ވުރެ ގިނަ ސޮއި ލިބިފައިވާ އިރު މެންބަރުންނަށް ގޯސްވީ ޕެޓިޝަން ހުށަހެޅި ފަރާތް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަގު ބޮޑު އިންޝޫރެންސް ދިނުން ހުއްޓާލުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނަށް ބަހުސް ކުރެއްވި އެއްވެސް މެންބަރަކަށް އެ އިންޝޫރެންސް ދޭ އުސޫލު ގޯހެއް ނުވި އެވެ.

އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަަށް ލިބޭ އަގު ބޮޑު ހެލްތް އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަންގައި 7225 މީހުން ވަނީ ސޮއި ކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ޕެޓިޝަނަށް ބަހުސް ކުރެއްވި މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ހުރިހާ މެންބަރުން ވަނީ ޕެޓިޝަނަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއިން އެއްވެސް މެންބަރަކަށް މިހާރު އިންޝޫރެންސް ދެމުން އަންނަ އުސޫލެއް ގޯހެއް ނޫނެވެ. އަދި އެ އިންޝޫރެންސް އާއި މެންބަރުންނަށް މިހާރު ލިބޭ އިނާޔަތްތައް މަދު ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

އިންޝޫރެންސް ދޭ އުސޫލުގެ ބަދަލުގައި މެންބަރުންނަށް ބޮޑަށް ގޯސްވީ ޕެޓިޝަން ހުށަހެޅި ފަރާތެވެ. އެގޮތުން ޕެޓިޝަން ހުށަހެޅީ ރަނގަޅަށް މައުލޫމާތު އޮޅުން ނުފިލުވާ ކަމަށާއި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ.

"އިންޝޫރެންސް ޕެކޭޖު ބޮޑެއް ނޫން"

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިންގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ވިދާޅުވީ އާސަންދަ އިން ބޭރުވެ މެންބަރުންނަށް ލިބޭ އެންޝޫރެންސް ޕެކޭޖު ނެގުމުން ދައުލަތުން މެންބަރަކަށް މަހަކު އަހަރަކު ދައްކަން ޖެހެނީ 24،000ރ. ކަމަށެވެ.

އާސަންދަ އިން އެ ހަރަދުތައް ކުރާ ނަމަ އެއްވެސް ލިމިޓެއް ނެތި އެތައް މިލިއަނެއް އެންމެ މީހަކަށް ވެސް ކުރަން ޖެހިދާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. އެހެންވެ މެންބަރުންނަށް މިހާރު މި ދޭ އިންޝޫރެންސްގެ ސަބަބުން ދައުލަތަށް ވާނީ މާލީ ގޮތުން ފައިދާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޕެކޭޖު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނަގާފައި އޮތުމުން ދައުލަތަށް ރައްޔިތުންނަށް ފައިދާ ބޮޑީ. އޭގެ މާނައަކީ ދައުލަތުގެ އާސަންދަ ތެރެއިން ހަރަދު ކުރާކަށް ނުޖެހޭ." ފަލާހު ވިދާޅުވި އެވެ.

ފަލާހު މިހެން ވިދާޅުވި ނަމަވެސް މަޖިލިސް މެންބަރުންނަށް ލިބޭ އިންޝޫރެންސްގެ އިތުރުން އާސަންދަ އިން ވެސް އެ ފަރާތްތަކުގެ ބޭސްފަރުވާ އަށް ހަރަދު ކުރެ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފަ އިބްރާހިމް ވިދާޅުވީ ރައްޔިތުންނަށް ނުލިބޭ އިންޝޫރެންސެއް މަޖިލިސް މެންބަރުންނަކަށް ވެސް ނުލިބޭ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ އިރު އެ ފަރާތްތަކަށް އެލައިޑް އިންޝޫރެންސް ފަދަ ޕެކޭޖުތަކުގެ ތެރެއިން ފައިދާތައް ލިބޭ ކަމަށާއި މެންބަރުންނަށް ވުރެ ބޮޑަށް ކަވަރު ކުރާ ޕެކޭޖުތައް ބައެއް އާންމު ރައްޔިތުންނަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުންނަށް އާސަންދަ އޮވޭ. އެންސްޕާ އެބައޮވޭ އެ ލިބޭ. ރާއްޖެއިން ބޭރުގެ އެކި ގައުމުގައި ދިވެހިން ފަރުވާއަށް ދަނީ މަދަކުން ނޫން. އެހެންވެ އާންމުންނަށް ނުލިބޭ ނިޒާމެއް ނޫން މިއީ" އޭނާ ވިދާޅުވި އެވެ.

ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވަނީ ރާއްޖޭގެ މަޖިލީހާއި އިންޑިއާގެ މަޖިލިސް މެންބަރުންނަށް ލިބޭ އިނާޔަތްތަކާ އަޅައި ކިޔައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މަޖިލިސް މެންބަރުން ކަރަންޓާއި ފެން ބިލް އެބަ ދައްކާ ކަމަށާއި އިންޑިއާގައި މެންބަރުންގެ ކަރަންޓު ބިލާއި ފެން ބިލާއި އިންޓަނެޓާއި ފޯނު ބިލު ވެސް އެ ގައުމުގެ ދައުލަތުން ދައްކާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މަޖިލިސް މެންބަރުންނަށް އެ ނުލިބޭ ކަމަށް ދީދީ ވިދާޅުވި އެވެ.

"މި [ޕެޓިޝަނަކީ] ފިތުނަފަސާދަ އުފެއްދުމަށް ވައްދައިގެން އުޅޭ އެއްޗެއް. މިވަގުތު ރައްޔިތުން މިގޮތަށް ގަބޫލިއްޔާ ހުރިހާ ރައްޔިތުން އާސަންދަ އިން ކެނޑިގެން އިންޝޫރަންސް ޕެކޭޖެއްގަ ޖެހެންވީ." އޭނާ ވިދާޅުވި އެވެ.

"މަޖިލިސް ރަނގަޅަށް ހިނގާ ނަމަ ރައްޔިތުން ޝަކުވާ ނުކުރާނެ"

ޕެޓިޝަނަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށް ސާފު ކޮށް ހާމަ ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދެވެ. 

އޭނާ ވިދާޅުވި ގޮތުގައި މެންބަރުންނަށް ލިބޭ އިނާޔަތްތަކާއި އިމްތިޔާޒްތަކުގެ ކަންބޮޑުވުން އަންނަ ގޮތް ބަލައިލަން ޖެހެ އެވެ. އެ ކަންބޮޑުވުން ކޮންމެ ފަހަރަކު އަންނަނީ މަޖިލީހުގެ ޕަފޯމަންސް އާ ގުޅުވައިގެން ކަމަށް މީކާއިލް ވިދާޅުވި އެވެ. 

"މަޖިލީހުން ރައްޔިތުން އެދޭ ޕަފޯމަންސް ދެއްކޭ ނަމަ އިންޝޫރެންސް އާ މެދު ވެސް ރައްޔިތުންގެ ކަންބޮޑޫވުމެއް ނޯންނާނެ. މި މަޖިލީހަކީ ރައީސް އޮފީހުގެ މޭޒަކަށް ވާނަމަ މި ދޭ މުސާރައެއް ވެސް އިންޝޫރެންސް ވެސް ހައްގު ކަމަކަށް ނުދެކޭނެ." މީކާއިލް ވިދާޅުވި އެވެ. 

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ އޭނާ ދެކޭ ގޮތުގައި އެހެން ރައްޔިތަކަށް ލިބޭ ރަނގަޅެއް އޮތް ނަމަ އެއާ ދޮކޮޅަށް ނުކުތުމަކީ ރަނގަޅު ކަމެއް ނޫނެވެ.

"އެހެން ރައްޔިތަކަށް ލިބޭ މޮޅު ގޮތް އެހެން ރައްޔިތުންނަށް ވެސް ހޯދަން ތެދުވާން ޖެހޭނީ،" މައުރޫފް ވިދާޅުވި އެވެ.

ޕެޓިޝަނަށް ސީދާ ބަހުސް ކުރުމުގެ ބަދަލުގައި މައުރޫފް ގޯސް ކުރީ ޕީއެންސީގެ މެންބަރުންނެވެ. އޭނާ ވިދާޅުވީ އެފަދަ ޕެޓިޝަނެއް ރައްޔިތުން ހުށަހެޅީ މި ދައުރުގެ މެންބަރުންނާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށާއި މަޖިލީހުގެ ކަންކަން ގޯހުން ގޯހަށް ދާތީ ކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެ އާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރި ކޮށްދޭން ވާނެ އެވެ.

އޭގެ އިތުރުން މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތް އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.

އެހެންވެ މަޖިލިސް މެންބަރުންނާއި މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކާއި އެ މީހެއްގެ އާއިލާ އަށް ދައުލަތުން އުމުރު ދުވަހަށް އިންޝޫރެންސް އަށް ހަރަދު ކުރަން ޖެހޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.