ކާކުކަން ނޭނގޭ ތިން މީހަކު ސައިކަލެއްގައި އައިސް ޓައިގާގެ ކާރަށް ބަޑިޖަހާފައިވާއިރު، އެ ވަގުތު އެ ސަރަހައްދުގައި އޭނާގެ ފޭނުންވެސް އެއްވެ ތިއްބެވެ.

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ބޮލީވުޑް އެކްޓަރު ޓައިގަރ ޝްރޮފް ދަތުރުކުރަމުންދިޔަ ކާރަށް ބަޑިޖެހުމުގެ ސަބަބުން އޭނާ ހަނި ގޮތަކަށް ސަލާމަތްވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕުޝްޕާ ޕާކް ކައިރީގައި، ޓައިގާ ޝްރޮފް ފުޓުބޯޅަ ކުޅުމަށްފަހު އެނބުރި ދާން އުޅެނިކޮށެވެ. ކާކުކަން ނޭނގޭ ތިން މީހަކު ސައިކަލެއްގައި އައިސް ޓައިގާގެ ކާރަށް ބަޑިޖަހާފައިވާއިރު، އެ ވަގުތު އެ ސަރަހައްދުގައި އޭނާގެ ފޭނުންވެސް އެއްވެ ތިއްބެވެ.
މި ހަމަލާއިން ޓައިގާ ޝްރޮފް ސަލާމަތްވި ނަމަވެސް، އޭނާގެ ޑްރައިވަރަށާއި އެ ސަރަހައްދުގައި ހުރި އޮޓޯރިކްޝޯ ޑްރައިވަރަކަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މުމްބާއީ ފުލުހުން ވަނީ ޓައިގާ ޝްރޮފްއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށާއި އޭނާ ހުރީ ސަލާމަތުންކަން ކަށަވަރުކޮށްދީފަ އެވެ.
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މޯހިތު ގާގް ވިދާޅުވީ މި މައްސަލަ ޖޫހޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ. މި ހަމަލާގެ ޒިންމާ ލޯރެންސް ބިޝްނޯއީ ގޭންގުން ވަނީ ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއް މެދުވެރިކޮށް ނަގާފައެވެ. ނަމަވެސް، ފުލުހުން އަދި މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މަހާރާޝްޓްރާގެ މިނިސްޓަރު އާޝިޝް ޝެލާ ވަނީ މި ހާދިސާ ކުށްވެރިކުރައްވައި މުމްބާއީ ޕޮލިސް ކޮމިޝަނަރު ދޭވެން ބާރްތީއާ މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ވިދާޅުވެފަ އެވެ. ފުލުހުން މިހާރު ދަނީ ސީސީޓީވީ ފުޓޭޖްތައް ބަލައި ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.މި ހާދިސާއާ ގުޅިގެން މުމްބާއީގައި ދިރިއުޅޭ ބޮލީވުޑް ތަރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ އިތުރު ކަންބޮޑުވުންތަކެއް އުފެދިފައެވެ.