މިނިސްޓަރު ޒަރީރު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދަނީ ވަޒީރުންގެ ބެލުމުގެ ދަށުންނެވެ. މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކުރިން ދިމާވި ދަތިތަކަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގަ 1200 އަށްވުރެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ތަކެތި ލިބުމުގައި ދިމާވި ދަތިތަކެވެ. ނަމަވެސް އެ ދަތިތަކާ އެކުވެސް 1,273 މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"ބަނދަރުފަަދަ ކަންތައްތައް ކުރިއަށް ގެންދިއުމުގައި މެޓީރިއަލްސް ލިބުމުގައި ދަތިވި، އެކަމުގެ ސަބަބުން މެޓީރިއަލްސް ދަތިވި، މަޝްރޫއުތައް ކުރިއަށް ގެންދަނީ ވަޒީރުން ޕްރޮޖެކްޓްތައް ބައްލަައިގެން ޕްރޮރިޓައިޒްކޮށްގެން، އެހެންވީމަ ހުރިހާ ރަށެއްގެ ޕްރޮޖެކްޓްތައް ވެސް ކުރިއަށް ގެންދޭ. މިވަގުތު ވެސް 1273 ޕްރޮޖެކްޓް ސޮއިކުރެވި ކުރިއަށްދޭ،" ޒަރީރު ވިދާޅުވި އެވެ.
މި ފޯރަމްގައި މިނިސްޓަރު ޒަރީރު ވިދާޅުވީ ދަރަނި ދައްކަނީ ދުރާލާ ތައްޔާރު ވެގެން ކަމަށާ އެކަމަށްޓަކައި ސޮވްރިން ފަންޑަށް ދަނީ ފައިސާ ޖަމާ ކުރަމުންނެވެ.
"މިހާރު ކުރިން އޮތްވަރުގެ ދަަރަންޏެއް ނެތް. އެެހެންވެ ކުރިއަށް އޮތް ދަރަނި ތަކަކީ އަޅުގަނޑުމެންގެ އާމްދަނީން މެނޭޖު ކުރެވޭނެ ދަރަނިތަކެއް.އެހެންވެ މި އަހަރު ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކެއް ކުރިމައްޗެއް ނުވާނެ،" ޒަރީރު ވިދާޅުވި އެވެ.