ގެދޮރު އެޅުމަށާއި ގަތުމަށް އިކުއިޓީ ހިލޭ އެހީ ދިނުމަށް މާލީ 4 އިދާރާއަކާއެކު ސޮއިކޮށްފި

މިއަދު އިއުލާންކުރި ދެ ސްކީމްގެ މައިގަނޑު އަމާޒަކީ މި ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ ފައިސާގެ ދަތިކަމާ ހެދި ގެދޮރު ނޭޅިފައި ތިބި ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ސީދާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމް ތަންފީޒު ކުރުމަށްޓަކައި ރާއްޖޭގެ މާލީ 4 އިދާރާއަކާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން. --ފޮޓޯ: ހައުސިން މިނިސްޓްރީ

ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން ތައާރަފްކުރި "ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ 'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމް ތަންފީޒު ކުރުމަށްޓަކައި ރާއްޖޭގެ މާލީ 4 އިދާރާއަކާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މި މުހިންމު ޕްރޮގްރާމްގައި ބައިވެރިވެފައިވާ މާލީ އިދާރާތަކުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމް.އެފް.އެލް.ސީ) ހިމެނެ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް، އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީ، އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު އަދި އެމްއެފްއެލްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްތިޝާމާ އަހުމަދު ސައީދެވެ.

'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމް ތަންފީޒު ކުރުމަށްޓަކައި ރާއްޖޭގެ މާލީ 4 އިދާރާއަކާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން. --ފޮޓޯ: ހައުސިން މިނިސްޓްރީ

ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ނިންމާލި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމް.ޔޫ.ޑީ.އާރް.ޕީ) ގެ ދިރާސާތަކުން ދައްކާގޮތުގައި، ދިވެހި ގިނަ އާއިލާތަކަށް އަމިއްލަ ގެދޮރު އެޅުމަށާއި ގަތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް އެއްފަހަރާ ދެއްކުމުގައި ދިމާވާ ދަތިކަމެވެ. 

މިއަދު އިއުލާންކުރި ދެ ސްކީމްގެ މައިގަނޑު އަމާޒަކީ މި ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ ފައިސާގެ ދަތިކަމާ ހެދި ގެދޮރު ނޭޅިފައި ތިބި ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ސީދާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ހެލްޕް ޓު ބިލްޑް

މި ސްކީމަކީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އިކުއިޓީއަށް ހިލޭ އެހީ ދިނުމަށް އެކުލަވާލާފައިވާ ބައެކެވެ.

  • މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށް (ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނޭ)
  • 1,000,000 (އެއް މިލިއަން) ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް -/200,000 (ދެލައްކަ) ރުފިޔާއާ ހަމައަށް ހިލޭ އެހީ ދެވޭނެ
  • އާއިލީ ބިމެއްގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތްކުރާނަމަ، ބޮލަކަށް -/200,000 ރުފިޔާގެ މަގުން ޖުމްލަ 1,000,000 ރުފިޔާއާ ހަމައަށް އިކުއިޓީ އެހީ ލިބޭނެ
  • މިއީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއް ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ.

ހެލްޕް ޓު ބައި

މިއީ ފުރަތަމަ ފަހަރަށް އެޕާޓްމަންޓް ނުވަތަ ހައުސިން ޔުނިޓް ގަތުމަށް ދޫކުރާ އެހީއެކެވެ.

  • އެފޯޑަބަލް ހައުސިންގ: ޕީ.ޕީ.ޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށް -/250,000 ރުފިޔާއާ ހަމައަށް އެހީ ލިބޭނެ.
  • މާކެޓް ރޭޓް ޔުނިޓްސް: ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް -/250,000 ރުފިޔާއާ ހަމައަށް އެހީ ދޫކުރެވޭނެ.
  • މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެ.

މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. މީގެއިތުރުން އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެ އެވެ. 

މި ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ޚާއްޞަކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ވަކި ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ އެ ފަރާތްތަކަށް ލިބިގެންދާނެ އެވެ.

'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމް ތަންފީޒު ކުރުމަށްޓަކައި ރާއްޖޭގެ މާލީ 4 އިދާރާއަކާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން. --ފޮޓޯ: ހައުސިން މިނިސްޓްރީ

މި ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫތަކަކީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފަސޭހަކަން ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

"ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބޯހިޔާވަހިކަން އެންމެންނަށް، މި ސިޔާސަތު ބިނާވެފައި ވަނީ ސަރުކާރުން އިމާރާތްކުރާ ފްލެޓް އަދި ގެތައް ރައްޔިތުންނަށް ލިބުމަށް މަގުފަހިކުރުމަށާއި ސަރުކާރުން އެހީވެދީގެން އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ އެފޯޑަބަލް ހޯމްސްތައް އަތްފޯރާ އަގުތަކުގައި ވިއްކާ ހިޔާވަހިކަން ރައްޔިތުންނަށް ލިބޭނެ މަގުފަހިކުރުަމަށާއި ސަރުކާރުން އެކި ގޮތްގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީގެން، ރައްޔިތުން އެފަރާތްތަކުގެ އަމިއްލަ ބިމުގައި އިމާރާތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި ހަމަ އެހެންމެ ސަރުކާރުން އެހީތެރިވެދީގެން އަމިއްލަ ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ މައްޗަށް،" މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގެ އެއް ބޭނުމަކީ ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓްތައް އެންމެ ނިކަމެތި މީހުންނަށް ލިބޭނެ މަގުފަހިކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.