ރަސްމާލޭގެ 500 ހެކްޓަރު ބިން މިހާރުގެ އުސޫލުން ދިން ނަމަ، ދައުލަތަށް އާމްދަނީގެ ގޮތުގައި 99 އަހަރުގެ ތެރޭގައި އެންމެ ގިނަވެގެން ވެސް ލިބޭނީ، 514 މިލިއަން އެމެރިކާ ޑޮލަރެވެ.

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތައް މިހާރު ކުއްޔަށްދޭ އުސޫލުން ދޫކުރިނަމަ، ދައުލަތަށް 99 އަހަރުގެ ތެރޭގައި ލިބޭނީ ގިނަވެގެން 500 މިލިއަން ޑޮލަރު ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ރަސްމާލޭން 500 ހެކްޓަރު ބިން، ޔޫއޭއީގެ މަޝްހޫރު އީގަލްސް ހިލްސްއަށް ދީގެން ތަރައްގީކުރަން ނިންމާފައިވާ ބިޔަ މަޝްރޫއާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅުއްވައިފަ އެވެ.
އެ ސިޓީގައި ކުޑޫ ކުރައްވާފައިވާ ސުވާލުތަކަށް ވަރަށް ތަފްސީލުކޮށް މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވާ ގޮތުގައި، އީގަލްސް ހިލްސަށް މި މަޝްރޫއު ހަވާލުކުރަން މަސައްކަތް ކުރަމުންދަނީ، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު (ޕްރައިވެޓް ސެކްޓާ އިނީޝިއޭޓެޑް ޕްރޮޕޯސަލް އުސޫލު - ޕީ.އެސް.އައި.ޕީ އުސޫލު)ގެ ދަށުންނެވެ.

މިގޮތުން، މި މަޝްރޫއުން ލިބޭނެ މާލީ ފައިދާ ހިސާބު ކުރުމުގައި، މިއީ ދައުލަތަށް ފައިދާހުރި ގޮތެއްތޯ ބެލުމަށްޓަކައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދެވޭ ތަންތަނުގެ ލީސް އިކުއިޒިޝަން ކޯސްޓް ހިސާބުކުރުމުގައި މިހާރު ގެންގުޅޭ ފޯމިއުލާއަށް ބަލާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، ފަތުރުވެރިކަމުގެ ބޭނުމަށް ކްރޮސް ސަބްސިޑީ އުސޫލުން ބިންތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް 19 ސެޕްޓެންބަރު 2022 ގައި އޭރުގެ ސަރުކާރުން އާންމުކޮށްފައިވާ ފޯމިއުލާތަކަށް ބަލާއިރު، މާލެ އަތޮޅުން 500 ހެކްޓަރުގެ ފަޅެއް 50 އަހަރަށް ކުއްޔަށް ދޭނަމަ، ލީސް އެކުއިޒިޝަން ކޯސްޓަކީ 75.7 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ކުލީގެ މުއްދަތު އިތުރު 49 އަހަރު އިތުރުކުރުމަށް ދައްކަންޖެހޭނީ 10 މިލިއަން އެމެރިކާ ޑޮލަރެވެ.
އޭގެ މާނައަކީ 500 ހެކްޓަރު ފަޅެއް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީގެން އެޑްވާންސްގެ ގޮތުގައި ދައުލަތަށް ޖުމްލަ ލިބޭނީ 85.7 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް މާލެ އަތޮޅުން ބިމެއް 50 އަހަރަށް ކުއްޔަށް ދޭނަމަ ލީސް އިކުޒިޝަން ކޯސްޓަކީ 306 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ކުލީގެ މުއްދަތު އިތުރު 49 އަހަރު އިތުރުކުރުމަށް ދައްކަންޖެހޭނީ 10 މިލިއަން އެމެރިކާ ޑޮލަރެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދެވޭ ފަޅުތަކާއި ރަށްތަކުގެ ތެރެއިން މާލެ އަތޮޅުގައި 40 ހެކްޓަރަށް ވުރެ ބޮޑު ތަންތަނުން ކުލީގެ ގޮތުގައި ދައްކަންޖެހޭނީ އަހަރަކު 2 މިލިއަން އެމެރިކާ ޑޮލަރެވެ.
އޭގެ މާނައަކީ، ކުލީގެ 99 އަހަރު ހަމަވާއިރު، ކުރިން ބަޔާންކުރި އެޑްވާންސް ނުހިމަނައި ދައުލަތަށް ޖުމްލަ ލިބޭނީ 198 މިލިއަން އެމެރިކާ ޑޮލަރެވެ.
އެހެންކަމުން، ރަސްމާލޭގެ 500 ހެކްޓަރު ބިން މިހާރުގެ އުސޫލުން ދިން ނަމަ، ދައުލަތަށް އާމްދަނީގެ ގޮތުގައި 99 އަހަރުގެ ތެރޭގައި އެންމެ ގިނަވެގެން ވެސް ލިބޭނީ، 514 މިލިއަން އެމެރިކާ ޑޮލަރެވެ.
ނަމަވެސް، އީގަލް ހިލްސް އާއެކު މިހާރު އެއްބަސްވެފައިވާ ރިއަލް އެސްޓޭޓް މޮޑެލްގެ ދަށުން، އެޑްވާންސްގެ ގޮތުގައި އެކަނިވެސް 500 މިލިއަން އެމެރިކާ ޑޮލަރު (5،000 ހައުސިން ޔުނިޓުގެ) އަދި ޖުމްލަ ޕްރީމިއަމްގެ ގޮތުގައި 3.1 ބިލިއަން ޑޮލަރު ދައުލަތަށް ކަށަވަރުވެގެންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތަކަށް ސަރުކާރުން ބޮޑެތި އަދަދުތަކުން އިމްޕޯޓް ޑިއުޓީ މައާފުކޮށްދިން ނަމަވެސް، މި ރިއަލް އެސްޓޭޓް މަޝްރޫއަށް އެތެރެކުރާ އެއްވެސް މުދަލަކުން ޑިއުޓީ މައާފެއް ނުލިބޭނެ އެވެ.
އަދި ވިއްކާ ކޮންމެ ޔުނިޓަކުން 4 އިންސައްތައިގެ ޓެކްސް ދައުލަތަށް ލިބުމާއި، ހުޅުމާލޭގައި އަޅާ 5,000 ހައުސިން ޔުނިޓަށް ބޭނުންވާ 500 މިލިއަން ޑޮލަރު އެޑްވާންސްކޮށް ލިބި، ދައުލަތުގެ ބަޖެޓުން އެއްވެސް މާލީ އިލްތިޒާމެއް އުފުލަން ނުޖެހުމަކީ ޓޫރިޒަމް މޮޑެލްއާ އަޅާބަލާއިރު ދައުލަތަށް ލިބޭ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ.
ރަސްމާލޭގެ 500 ހެކްޓަރުގައި ހިންގާ ރިއަލް އެސްޓޭޓް މަޝްރޫޢުން ދައުލަތަށް ސީދާ ގޮތުން ވަންނަ އާމްދަނީ ތެރޭގައި ހިމެނެނީ:
މިނިސްޓްރީން ބުނި ގޮތުގައި، އެކި ބޭނުންތަކަށް ދައުލަތުގެ ބިމާއި ފަޅު ކުއްޔަށް ދިނުމަކީ ރާއްޖޭގެ ޒަމާނުއްސުރެ ޤާނޫނާ ގަވާއިދުގެ ތެރެއިން ހިނގާ ކަމެކެވެ. ރަސްމާލެ މަޝްރޫޢަށް ބިން ކުއްޔަށް ދިނުމުގެ މުޢާމަލާތުގައި ޢަމަލުކުރާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
"މި މަޝްރޫޢުން އެއްވެސް ތަނެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައިނުވާނެއެވެ. އަދި އެއްވެސް ތަނެއް ކުއްޔަށް ދޭނީ ރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ،" މިނިސްޓްރީން ބުންޏެވެ.