އެންމެ ފަހުން ދިވެހި ދައުލަތުގެ ވެރިއަކު ޕާކިސްތާނަށް ވަޑައިގެންނެވީ މީގެ 10 އަހަރު ކުރިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އެންމެ ފަހުން ދިވެހި ދައުލަތުގެ ވެރިއަކު ޕާކިސްތާނަށް ވަޑައިގެންނެވީ މީގެ 10 އަހަރު ކުރިންނެވެ. އެއީ 2015 ރައީސް އަބްދުﷲ ޔާމީން އެ ގައުމަށް ކުރެއްވި ތިން ދުވަހު ރަސްމީ ދަތުރުފުޅެވެ. އޭގެ ކުރިން 2004 އެ ގައުމުގައި އޮތް ސާކް ސަމިޓްގެ ބައްދަލުވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަޑައިގަތެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނި ގޮތުގައި ރައީސް އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. އަދި މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދު 12 އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާ ދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގެ ތެރޭގައި ރައީސް މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވާނެ އެވެ.
ދެ ގައުމުން ވިޔަފާރި އާއި އިންވެސްޓްމެންޓާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ތިމާވެއްޓާއި ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން ދާއިރާ އަދި އަސްކަރީ ދާއިރާ އިން އެއްބާރުލުން އިތުރު ކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރާނެ އެވެ.