ފަސް އަހަރުތެރޭ ޕެންޝަލް ފަންޑު 60 ބިލިއަނަށް އިތުރު ވެއްޖެ

ސީއީއޯ ފާހަގަކުރެއްވި ގޮތުގައި ޕެންޝަން އޮފީހުގެ ހަޔާތުގައި މިވީ 17 އަހަރު ދުވަސްތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނި 30 ބިލިއަން ރުފިޔާއަށް ކަމަށެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާ އަށް އިތުރުކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ސީއީއޯ މިގޮތަށް ވިދާޅުވީ، ޕެންޝަން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސީއީއޯ ފާހަގަކުރެއްވި ގޮތުގައި ޕެންޝަން އޮފީހުގެ ހަޔާތުގައި މިވީ 17 އަހަރު ދުވަސްތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނި 30 ބިލިއަން ރުފިޔާއަށް ކަމަށެވެ. މިގެ ތެރޭގައި އެމްއާރްޕީއެސް މެންބަރުންގެ ކޮންޓިރިބިއުޝަން އަދި އިންވެސްޓްމެންޓް ފައިދާ ހިމެނެ އެވެ. އެހެންނަމަވެސް، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރެއްވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ވިދާޅުވި އެވެ. 

އެގޮތުން، ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް އިންވެސްޓްކުރެވޭނެ އިތުރު ފުރުސަތުތައް ހޯއްދަވައިގެން ޕެންޝަން ފަންޑު މިހާރަށްވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެގޮތަށް ޕެންޝަން އޮފީހުގެ ހިންގުމުގެ ނިޒާމް ތަރުތީބުކުރައްވާފައިވާކަމަށް ސީއީއޯ ވިދާޅުވި އެވެ.

މީގެ އިތުރުން ސީއީއޯ ފާހަގަކުރެއްވި ގޮތުގައި، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން، ސްކީމުގައި ބައިވެރިނުވެ ތިބިކަން ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތައް ޕެންޝަން ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ. އަދި ޕެންޝަން ފައިސާ ދައްކަން ޖެހޭނެކަމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ނުދައްކާ ހުރިކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް 1 އަހަރުދުވަސް ތެރޭގައި އެ ފައިސާ ހޯއްދަވައި ރިކަވަރ ކުރެއްވުމު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

މީގެ އިތުރުން، ސީއީއޯގެ ވާހަކަފުޅުގައި ވަނީ "3ޖެން ވޯކް" ފަދަ މުހިންމު އިވެންޓެއް ހަނިމާދޫގައި އިންތިޒާމުކޮށް ކާމިޔާބުކަމާއެކު ބޭއްވުމުގައި ހަނިމާދޫ ކައުންސިލާއި، މުއައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން ޢާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމަށް ބޭއްވުނު ހަރަކާތެކެވެ. އަދި ހަމައެއާއެކު، ޢާއިލާތަކާއި މުޅި މުޖުތަމަޢު އެކުވެރިކަމާއެކު އެއްތަނަކަށް ޖަމާވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު މި ހަރަކާތުގެ ތެރެއިން ވަނީ ފަހިވެގެން ގޮސްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.