
ބްރިޖު ހައިވޭގައި ފުލުހެއްގެ ގައިގައި މިއަދު ފަތިހު ސައިކަލުން ޖެއްސި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެމީހުންނާއި، އެމީހުންނާއެކު އެވަގުތު ބާރު ސްޕީޑުގައި ދުއްވި އެހެން ސައިކަލެއްގައި ތިބި ދެ މީހުންނެވެ.
އެމީހުންގެ މައްޗަށް ކުރަނީ މަސްތުގެ ހާލަތުގައި ތިބެ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ؛
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި މަޖިލީހުގައި ފުލުހުން ބުނެފައި ވަނީ، ބްރިޖު ހައިވޭގައި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވަމުން ގޮސް، އެއް ސައިކަލުން ފުލުހުން ޖަހާފައި ހުރި ވީސީޕީގެ ބެރިކޭޑުގައި ޖެހި އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖެހި، އެ އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ.
އަދި، މިހާދިސާއާ ގުޅިގެން އަނިޔާ ލިބުނު އެކަކު އޭޑީކޭ ހޮސްޕިޓަލުގައި އޮތް ކަމަށް ބުނެ، އެތަނުގައި އަޑުގަދަކޮށް، ފުލުހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، ފުލުހުންގެ ދައުރަށް ހުރަސް އަޅަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
މި މައްސަލައިގައި އެމީހުންގެ މައްޗަށް އިއްވާފައި ވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. ކުރު މުއްދަތެއް ދީފައި ވަނީ ވަކީލުންގެ ފުރުސަތަށް އެމީހުން އެދިފައިވާތީ އެވެ.
މި ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި އަމަލަކީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމަށް ގަސްތުގައި ހިންގާފައިވާ ކަމެއް ކަމަށެވެ.
އަދި މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
މި އެކްސިޑެންޓުގައި އަނިޔާ ލިބުނު އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި އިތުރު ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.