ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދުގެ މެޗްތަކުގެ ތެރެއިން ޓިއުނީޝިއާއި ޑެންމާކްގެ މެޗް ހަމަވެގެން ނިމުނު އިރު ޕޯލެންޑާއި މެކްސިކޯގެ މެޗް ވެސް ނިމުނީ އެއްވަރު ވެގެނެވެ.
ފީފާ ވޯލްޑް ކަޕް 2022 ގެ ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި ޓިއުނީޝިއާ ނުކުމެ ޑެންމާކް ހިފަހައްޓައިފި އެވެ. މެޗް ނިމުނީ 0-0 އިން ހަމަހަމަ ވެގެނެވެ. މިއީ ވޯލްޑް ކަޕުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.
ކޮލިފިކޭޝަންގެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތަށް ދިޔަ ޑެންމާކާއި ޓިއުނީޝިއާގެ މެޗު ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ފަށައިގެން ދެ ޓީމުން ވެސް މަސައްކަތް ކުރީ އެޓޭކްކޮށް އަވަހާ ލަނޑެއް ޖަހާށެވެ. ހާފުގެ ކުރީ ކޮޅުގައި ޑެންމާކް ކޮޅަށް ޓިއުނީޝިއާއިން ނުރައްކާތެރި ހަމަލާތަކެއް ފޮނުލާފައި ވެއެވެ. އަދި 22 ވަނަ މިނެޓުގައި ގޯލުތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ލަނޑެއް ކަމަށް ރެފްރީ ބަލައި ނުގަނެ ނިންމީ އޮފްސައިޑް ކަމަށެވެ. ހާފު ނިމެން ދަނިކޮށް ވެސް ޓިއުނޭޝިޔާ އިން ނުރައްކާ ކުރި އެވެ. އަދި ފުރަތަމަ ހާފުގެ ފަހު ތިން މިނެޓަށް ވެފައި ވަނިކޮށް ރަނުގެ ފުރުސަތެއް ޓީއުނީޝިއާއަށް ލިބުނެވެ. އެ ބޯޅަ ބޭކާރުކޮށްލީ ޑެންމާކްގެ ކީޕަރު ޝްމައިކަލް އެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅެގަތީ ޓިއުނީޝިއާ އެވެ. ނަމަވެސް ކައުންޓާ އެޓޭކްގައި ޑެންމާކުން ވެސް ޓިއުނީޝިއާގެ ގޯލަށް ނުރައްކާކުރި އެވެ. ޑެންމާކުން ވެސް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލި އެވެ. ޑެންމާކުގެ އެ ބޯޅަ ވެސް ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ.
މިރޭ ގްރޫޕް ސީގެ މެކްސިކޯ އާއި ޕޯލެންޑްގެ މެޗްގައި ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ގިނަ ހަމަލާތައް އުފައްދާފައި ވަނީ މެކްސިކޯ އެވެ. ދެ ޓީމުން ވެސް ހަމަލާއަށް އިސްކަން ދީފައި އޮތް ވަރަށް ޑިފެންސަށް ވެސް އިސްކަން ދީފައި އޮތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެ ޓީމަށް ވެސް ކުޅެލައި ހަމަލާ އުފެއްދުމުގެ ފުރުސަތު ހުޅުވިފައި އޮތެވެ.
މެޗުގައި ޕޯލެންޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ލެވެންޑޯސްކީ ޖެހި ޕެނަލްޓީ މެކްސިކޯގެ ގޯލްކީޕަރު މަތަކުރީ އެވެ. މެޗްގައި ދެ ގައުމު ވެސް ފުއްދާލަން ޖެހުނީ ލަނޑަކާއި ނުލައި ޕޮއިންޓަކުންނެވެ.