ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސީ ގަސްދުގައި: ސީޕީ

މި އަމަލަކީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމަށް ގަސްތުގައި ހިންގާފައިވާ ކަމެއް

މާލޭގެ ޓްރެފިކް ބަލަހައްޓާ ފުލުހުހެއް --

ހައިވޭގައި ފުލުހެއްގެ ގައިގައި މިއަދު ފަތިހު ސައިކަލުން ޖެއްސީ، ފުލުހުން ބަލިކަށިކޮށްލަން ގަސްތުގައި ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި އަމަލަކީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމަށް ގަސްތުގައި ހިންގާފައިވާ ކަމެއް ކަމަށެވެ.

އަދި މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި، މިއަދު ފަތިހު ގާތްގަނޑަކަށް 4:29 އެހައިކަންހާއިރު އެވެ. 

އެ ސަރަހައްދުގައި ގާނޫނީ ވާޖިބު އަދާކުރަން ހުރި އޮފިސަރުގެ ގައިގައި ބާރު ސްޕީޑުގައި ދިޔަ ސައިކަލުން ޖެއްސި މި މައްސަލަ ސީޕީ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.

ސީޕީ ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ފުލުހުންނާ ދިމާއަށް ގޮސް، މަގުމަތީގައި ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު ގޮސް ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. 

މި އެކްސިޑެންޓުގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި އިތުރު ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، އެކްސިޑެންޓްވި ސައިކަލު ޓޯކޮށް އޭގައި ތިބި ދެމީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން މި އަމަލުގައި ޝާމިލުވި އިތުރު ދެ މީހަކާއި އިތުރު ސައިކަލެއް ހޯދައި، އެމީހުންވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތުގައި ކުރިމަތިކުރުވާ އެއްވެސް ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުމަކަށް ފަސްނުޖެހި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. 

އަދި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާ ދެކޮޅަށް ފަށާފައިވާ މި އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ ކުށްތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ހަމަތަކުގެ މަތިން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމުގެ ޔަގީންކަން ސިޕީ ވަނީ ދެއްވައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.