ރަސްމާލޭގެ ސިޔާދަތީ ބާރަށް އުނިކަމެއް ނާންނާނެ، ފިތުނަ ނުއުފެއްދުމަށް އިހުސާން ގޮވާލައްވައިފި

ގާނޫނީ ވާޖިބެއް އަދާކުރަންޖެހޭ ކޮންމެ ހާލަތެއްގައި ފުލުހުންގެ ބާރު އެ ތަންތަނަށް ހިނގާނެ ކަމަށާއި، ރަސްމާލޭގައި ވެސް އަމަލުކުރާނީ ހަމަ އެ އުސޫލުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދަން ތައްޔާރުވާ ބޮޑު މަޝްރޫއާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގޮވާލައްވައިފި އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިސްލާމީ ވަހުދަތަށް އޮތް ބިރެއް ކަމަށާއި ދިވެހި ސަލާމަތީ ބާރުތަކުގެ ބަދަލުގައި އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަނީ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ބުނެ ޒަމްޒަމް ފާރިޝް ސޯޝަލް މީޑިއާގައި ކުރި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބިމުން އެންމެ އިންޗިއެއްގައި ވެސް ދައުލަތުގެ ސިޔާދަތީ ބާރާއި ސަލާމަތީ ހިދުމަތްތަކުގެ ގާނޫނީ ބާރު ފުރިހަމައަށް ހިނގާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާ ވެސް ބުރޫއަރާފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން ނުނިންމާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށާއި ސިނާއީ އެކި ބޭނުންތަކަށް 200 އަށް ވުރެ ގިނަ ރަށް ދޫކޮށްފައިވާއިރު، އެ ރަށްރަށުގައި ވެސް އާންމު އުސޫލުން ސެކިއުރިޓީ ބަލަހައްޓަނީ އެ ތަންތަން ހިންގާ ފަރާތްތަކުން އަމިއްލައަށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ނަމަވެސް ގާނޫނީ ވާޖިބެއް އަދާކުރަންޖެހޭ ކޮންމެ ހާލަތެއްގައި ފުލުހުންގެ ބާރު އެ ތަންތަނަށް ހިނގާނެ ކަމަށާއި، ރަސްމާލޭގައި ވެސް އަމަލުކުރާނީ ހަމަ އެ އުސޫލުން ކަމަށް ވިދާޅުވި އެވެ. އަދި މަޝްރޫއުގެ ގޮތުން ފުލުހުން އެ ރަށުގައި ގާއިމުވެ ތިބެންޖެހޭ ނަމަ އެކަން ވެސް އެގޮތަށް ކުރިއަށްދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދޫކުރުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ އިތުރުން ސޯޝަލް މީޑިއާގައި ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްގެ ގޮތުގައި 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.

މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ ސަރުކާރުގެ ބާރު އޮންނަ އެސްކްރޯ އެކައުންޓަކަށެވެ. މީގެ ސަބަބުން ރަސްމީ ރިޒާވް ވަރުގަދަވެ، ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ލިބޭނެ އެވެ.
 
އަދި އެސްއީޒެޑް ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން އެއްވެސް ޑިއުޓީ އިނާޔަތެއް އަދި ޓެކްސް ލުޔެއް ނުދީ، ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް އެއްބަސްވުން ވަނީ އެކުލަވާލާފަ އެވެ.

އެހެންކަމުން ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ހަގީގަތް އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށާއި، ކަމެއްގެ މައުލޫމާތު ސާފުނުވާ ނަމަ އެކަން އެނގޭ ފަރާތްތަކުން މައުލޫމާތު ހޯދައިގެން ވާހަކަދެއްކުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.