މިއީ މިއަހަރުގެ އޭޕްރީލް 23 ގައި ނެގި މި ސްވޮޕް ފެސިލިޓީއަކީ ދައުލަތުގެ ރިޒާވް އިތުރުކުރުމަށް އާންމުގޮތެއްގައި ތިން މަހުގެ މުއްދަތަށް ދޫކުރާ ކުރު މުއްދަތުގެ ފައިނޭންސިންގ ފެސިލިޓީ އެކެވެ.

އިންޑިއާގެ މަރުކަޒީ ބޭންކް (އާރްބީއައި) މެދުވެރިކޮށް ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން ރުޕީސް (319 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިންޑިއާ ސަރުކާރުން އިތުރުކޮށްދީފިއެވެ.
މި ކަރަންސީ ސްޕޮވްއަކީ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިއަހަރުގެ އޭޕްރީލް 23 ގައި ނެގި މި ސްވޮޕް ފެސިލިޓީއަކީ ދައުލަތުގެ ރިޒާވް އިތުރުކުރުމަށް އާންމުގޮތެއްގައި ތިން މަހުގެ މުއްދަތަށް ދޫކުރާ ކުރު މުއްދަތުގެ ފައިނޭންސިންގ ފެސިލިޓީއެކެވެ. ނަމަވެސް މީގެ ކުރިންވެސް މިފަދަ ފެސިލިޓީތަކުގެ މުއްދަތު ހަ މަހަށް އިތުރުކޮށްދީފައިވެއެވެ.
ރާއްޖޭގަ ހުންނަ އިންޑިއާ ހައިކޮމިޝަންއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ގާއިމުކުރެވުނު 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް އެއްބަސްވުމުގެ ދަށުން ދޫކުރި ފައިސާ އެވެ.
މި ސްވޮޕްގެ މުއްދަތު އިތުރުކޮށްދީފައިވާއިރު، ސަރުކާރުން ވަނީ މިއަހަރު 400 މިލިއަން ޑޮލަރުގެ ސްވޮޕް އަނބުރާ ދައްކާފަ އެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް ތިން ބުރެއްގެ މަތިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި، މިދިޔަ ސެޕްޓެމްބަރު މަހު 50 މިލިއަން ޑޮލަރުގެ ޓީބިލް ދައްކައި ހަލާސްކުރުމާއެކު އެއްކޮށް ވަނީ ދައްކާ ނިމިފަކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އިންޑިއާ ހައިކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި މި ޓީބިލްތަކުގެ އިންޓްރެސްޓްގެ ގޮތުގައި އެރި 43 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުންނެވެ.
އިންޑިއާ ހައި ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމުގައި ރާއްޖެއަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އެ ތިން ޓީބިލަށް އެރި އިންޓްރެސްޓްގެ 43 މިލިއަން ޑޮލަރު ދައްކައިދީފައިވަނީ އިންޑިއާ ސަރުކާރުންނެވެ.
މީގެ އިތުރުން ވެސް، ދިވެހިރާއްޖޭގެ ތަރައްގީއަށާއި މާލީ ހަމަޖެހުމަށް އެހީވުމުގެ ގޮތުން 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓީ-ބޮންޑް ފެސިލިޓީއެއް ވެސް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ފަހިކޮށްދީފަ އެވެ.
ރާއްޖެއިން ކަރަންސީ ސްވޮޕް ފަދަ ވަސީލަތްތައް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ދައުލަތުގެ ރަސްމީ ރިޒާވް ވަރުގަދަކޮށް ހިފެހެއްޓުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވް ހުރީ 547 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ.