މާލޭގެ މާރުކޭޓުތަކާއި، ބީޗުތަކާއެކު ސިޓީ ކައުންސިލް ހިންގާ ބިން ވެސް ދައުލަތަށް ނަގަނީ

މި ފިޔަވަޅު އަޅާފައި މިވަނީ، ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ކެބިނެޓުން ކަނޑައަޅާ ހާލަތްތަކުގައި، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހުގެ ދަށުން

މާލޭ މަސް މާރުކޭޓު. ފައިލް ފޮޓޯ: މިރާ

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މިހާތަނަށް އޮތް ބިންތަކުގެ ތެރެއިން، މަސް މާރުކޭޓާއި އާޓިފިޝަލް ބީޗު އަދި ރަސްފަންނު ހިމެނޭހެން ވެރިރަށުގެ އެންމެ މުހިންމު 14 ބިމެއް އަނބުރާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ސަރުކާރުން ނިންމައިފި އެވެ.

އޭގެ ތެރޭގައި ސިޓީ ކައުންސިލްގެ އިދާރާ މިހާރު ހިންގާ ތައިސޭ ކޮށި ވެސް ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައި ވަނީ، މާލެ އާއި ވިލިމާލޭގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އަސާސީ އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި، ކައުންސިލްގެ އިހްތިސާސުން އެ ބިންތައް ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ، މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.

ދައުލަތަށް އަލުން ނަގަން ކަނޑައެޅި ބިންތަކުގެ ތެރޭގައި ހިމެނެނީ:

  • ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު ހިމެނޭ ސަރަހައްދު
  • މާލޭ މަސް މާރުކޭޓާއި އެ ތަނުގެ ހިއްކި ސަރަހައްދު
  • ލޯކަލް މާރުކޭޓު
  • މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
  • މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ވިޔަފާރިވެރިންގެ ޖަމިއްޔާ) ގެ އޮފީސް އިމާރާތް
  • ކާނިވާ ސަރަހައްދު
  • އާޓިފިޝަލް ބީޗު އަދި ރަސްފަންނު
  • މަސްވެރިންގެ މައިޒާނާއި ތައިސޭ ކޮށި
  • ކުލީ ފާޚާނާ ނަންބަރު 2
  • ގަސްގަހާގެހި ރައްކާކުރުމަށް ކައުންސިލުން ބޭނުންކުރާ ބިން
  • ބޮނޑިބަތް ޕާކު

މި ފިޔަވަޅު އަޅާފައި މިވަނީ، ގައުމީ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށްޓަކައި ކެބިނެޓުން ކަނޑައަޅާ ހާލަތްތަކުގައި، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހުގެ ދަށުންނެވެ.

އެ އިސްލާހުގައިވާ ގޮތުން، ކެބިނެޓުގެ ނިންމުމަކުން ބިމެއް ނެގި ނަމަވެސް، ކައުންސިލާ މަޝްވަރާކޮށް ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަކުރަން ޖެހެ އެވެ. އަދި ދައުލަތަށް ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ އަމިއްލަ އެހެން ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ، މިނިސްޓްރީ އޮފް ފައިނޭންސަށް ހުށަހަޅައިގެން އެކަށީގެންވާ ބަދަލު ލިބިދިނުން ވެސް އާ ގާނޫނު މަގުފަހިކޮށްދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.