350 ކިލޯއިން ފެށިގެން މަތީގެ ކުދި ޕިކަޕާއި ބޮޑެތި ލޮރީ، ޓްރަކް، ކެރޭން، ޓްރެއިލާ އަދި ފޯކްލިފްޓު ފަދަ އުޅަނދުތައް މާލެ އާއި ހުޅުމާލޭގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވުން ދެ ވަގުތެއްގައި މަނާވާނެ

މާލެ އާއި ހުޅުމާލޭގެ މަގުތަކަކީ ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ އާންމުންނަށް އަމާން، ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި، ކަނޑައެޅޭ ވަކި ހާއްސަ ވަގުތުތަކެއްގައި ބަރު އުޅަނދުފަހަރާއި މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާކޮށް އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 350 ކިލޯއިން ފެށިގެން މަތީގެ ކުދި ޕިކަޕާއި ބޮޑެތި ލޮރީ، ޓްރަކް، ކެރޭން، ޓްރެއިލާ އަދި ފޯކްލިފްޓު ފަދަ އުޅަނދުތައް މާލެ އާއި ހުޅުމާލޭގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވުން ދެ ވަގުތެއްގައި މަނާވާނެ އެވެ.
މި ވަގުތުތަކަކީ އާންމުކޮށް ސްކޫލް ކުދިން ގޮވައިގެން ބެލެނިވެރިން މަގުތަކަށް ނުކުންނަ އަދި އޮފީސްތަކަށް މީހުން ދަތުރުކުރާ ޕީކް ގަޑިތަކެވެ. މި ގަޑިތަކުގައި މަގުތަކަށް ބާރުބޮޑުވެ، ބަރު އުޅަނދުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވުމަކީ ގިނަ ދުވަސްތަކެއް ވަންދެން އާންމުންގެ ބޮޑު ޝަކުވާއެއް އޮތް މައްސަލައެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކުން ވެސް މި ނިންމުމަށް ފުރިހަމައަށް އިހުތިރާމްކޮށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި އިއުލާނާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ މިނިސްޓްރީން ވަނީ ދީފަ އެވެ.
މީގެ ކުރިން ވެސް ވަކި ގަޑިތަކެއްގައި ބަރު އުޅަނދު ދުއްވުން މަނާކުރި ނަމަވެސް، ފަހުން އެ އުސޫލަށް ލުއިތަކެއް ދީ ހުއްދަކޮށްފައި އޮތުމަށް ފަހު، އަނެއްކާވެސް މި ފިޔަވަޅު އަޅާފައި މިވަނީ މަގުމަތީގެ ތޮއްޖެހުމާއި ރައްކާތެރިކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.