
ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ސަރުކާރުން ދޫނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރުން މިއަދު ދީފި އެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހި ދައުލަތާއި ދިވެހިރައްޔިތުންގެ ޙައްޤެކެވެ. އަދި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތައް ހިމެނޭހެން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދިވެހިދައުލަތާ ޙަވާލުކޮށްފައިވާ މަތިވެރި ޒިންމާއެއް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި އޮތް ޤައުމެއްކަން ފާހަގަކުރައްވައި ސަރުކާރުން ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު މުދަލުގެ ބޮޑު އިންސައްތައެއް ދަތުރުކުރާ މުހިންމު މަގުތަކެއް ކަމަށެވެ.
އެހެންކަމުން، މި ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަށާއި، ދުނިޔެއާއި މި ސަރަޙައްދުގެ ހަމަޖެހުމަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ އަދާކުރަމުންދާ އަގުހުރި ދައުރެއް ކަމަށް ބުންޏެވެ.
މީގެއިތުރުން، ރާއްޖޭގެ ކަނޑުއޮޅިތަކާއި ސަރަޙައްދު ބެލެހެއްޓުން ބޭރުގެ އެއްވެސް ފަރާތަކާ ޙަވާލުނުކުރުމަކީ މި ސަރަޙައްދުގެ ހަމަޖެހުމަށާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ އަސާސީ ސިޔާސަތު ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ރާއްޖޭގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބި، ސަރަޙައްދީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ދިވެހި ތާރީޚަށް އަލިއަޅުވާލަމުން ސަރުކާރުން ބުނީ، އަމިއްލަ ސަރަޙައްދު އަމިއްލައަށް ބަލަހައްޓައި މިނިވަންކަން ރައްކާތެރިކުރުމަކީ ދިވެހިން ޒަމާނުއްސުރެ ފަޚުރުވެރިކަމާއެކު އަދާކުރަމުން އައިސްފައިވާ ޤައުމީ ވާޖިބެއް ކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ ސިޔާދަތަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފުރުޞަތެއް ބޭރުގެ ބާރުތަކަށް ނުދިނުމަށާއި، މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދަ އެއްވެސް ކަމަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
މި ބަޔާން ނެރެފައި މިވަނީ، ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ދެ އުޅަނދެއް ވަދެ، މާލެ ކައިރީގައި ބަނދަރުކޮށްގެން އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އެކަން ބޯޑަރު ބަލަހައްޓާ އެއްވެސް މުއައްސަސާއަކަށް އެނގިފައިނުވާ ކަމަށް ބުނެ ބައެއް ޚަބަރުތައް ދައުރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.