ފަސް ރުފިޔާގެ ސްޓޮކް އެމްއެމްއޭގައި މަދުވެފައިވަނީ ބާޒާރުކުރުމުގައި އާންމުގޮތެއްގައި ބޭނުންކުރާ ނޫޓަކަށް އެ ނޫޓު ވާއިރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު މަދުވުމެވެ.

މިހާރު ދައުރުކުރަމުންދާ 5 ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ވަރަށް މަދުވެފައިވުމާއެކު، އެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި އެވެ. މި ނޫޓް ދައުރުކުރުމަށް ނިންމާފައިވަނީ މާދަމާ އިން ފެށިގެންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ފަސް ރުފިޔާގެ ނޫޓަކީ ގިނަ އަދަދަކަށް އެ އޮތޯރިޓީން އާންމުންނާއި ވިޔަފާރިތަކަށް ދޫކުރާ ނޫޓެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ފަސް ރުފިޔާގެ ސްޓޮކް އެމްއެމްއޭގައި މަދުވެފައިވަނީ ބާޒާރުކުރުމުގައި އާންމުގޮތެއްގައި ބޭނުންކުރާ ނޫޓަކަށް އެ ނޫޓު ވާއިރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭ އަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު މަދުވުމެވެ. އަލުން ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. އަދި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ.
އެމްއެމްއޭ އިން ހާމަކުރާ ގޮތުގައި މިއަދު ގެނައި ފަސް ރުފިޔާގެ ސްޓޮކަކީ އެ އޮތޯރިޓީން ރަންދިހަފަހެއް ނޫޓު ސީރީސްގެ 5 ރުފިޔާ 2017ގައި ނެރުނު ފަހުން އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ. މާދަމާ ދައުރުކުރުމަށް ނެރޭ ފަސް ރުފިޔާގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު މި ނޫޓާއެކު މިހާރު ދައުރުވަމުންދާ 5 ރުފިޔާގެ ނޫޓު ވެސް ބޭނުންކުރާނެ އެވެ.