ފުލުހުން މިއަދު ބުނީ ތިން މީހުން އަރުވައިގެން ދުއްވި އެ ސައިކަލުގައި އިން ލ. މާމެންދޫ، މުހައްމަދު ސައިފް 27، ފަރުވާއަށްފަހު ދޫކޮށްލުމުން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ތިން ސީޓު ހަދައިގެން ދުއްވި ސައިކަލުގައި އިން އެކަކު ފަރުވާއަށްފަހު ދޫކޮށްލުމުން، ފުލުހުން ހައްޔަރު ކޮށްފި އެވެ.
އެ ރޭ ދަންވަރު 2:55 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައި ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި ފަސް މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ ގަވާއިދާ ހިލާފަށް ދުއްވި ސައިކަލުގައި ތިބި ތިން މީހުންނަށާއި، އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށެވެ.
ފުލުހުން މިއަދު ބުނީ ތިން މީހުން އަރުވައިގެން ދުއްވި އެ ސައިކަލުގައި އިން ލ. މާމެންދޫ، މުހައްމަދު ސައިފް 27، ފަރުވާއަށްފަހު ދޫކޮށްލުމުން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުަށް ހާޒިރުކުރުމުން، ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މުހައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެއް ސައިކަލުގައި ތިން މީހުން އަރައިގެން ވަންވޭއާ ހިލާފަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.
އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.